ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ވެލެންސިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާ، ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ރެއާލް މޮޅުވީ 1-4 ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ.

މިމެޗުގައި ރެއާލްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. މިއީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް، ކަސެމީރޯ އަށް އޭރިއާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން، ކެޕްޓަން ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ރެއާލުންނެވެ. ނަތީޖާއަކަށްވީ މިހާފު ފަށައިގެން މާގިނައިރު ތަކެއް ނުވެ، އިތުރު ލަނޑެއް ޖަހާ ރެއާލުން ލީޑު ފުޅާކުރުމެވެ. ދެވަނަ ހާފުގައި މެޗުގެ 52 ވަނަ މިނެޓުގައި މިލަނޑު ރެއާލަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް، ވިނީޝަސް ޖޫނިއަރ އެވެ. އަދި އޭގެ 9 މިނެޓުފަހުން މެޗުގެ 61 ވަނަ މިނެޓުގައި ވިނީޝަސް ވަނީ ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ވެލެންސިއާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، 76 ވަނަ މިނެޓުގައި ގޮންކާލޯ ގުއޭޑޭޝް ޖެހި ޕެނަލްޓީއެއް، ރެއާލްގެ ކީޕަރު މަތަކުރުމުން ރިބައުންސް ވެގެން އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ގުއޭޑޭޝް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ރެއާލުން ޖެހި ފަހު ލަނޑުވެސް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. 88 ވަނަ މިނެޓުގައި މެންޑީގެ އެހީތެރިކަމާއެކު ބެންޒެމާ މިލަނޑު ކާމިޔާބު ކޮށްދިން އިރު މިއީ އޭނާ ރެއާލްގެ ޖާޒީގައި ޖެހި 301 ވަނަ ލަނޑެވެ. މިލަނޑާއެކު ބެންޒެމާ ވަނީ ތާރީހުގައިވެސް 4 ވަނައަށް ރެއާލަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ބެންޒެމާ އަށްވުރެ ގިނައިން ލަނޑޫ ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ (450 ލަނޑު)، ރައުލް ގޮންޒާލޭޒް ބްލާންކޯ (323 ލަނޑު) އަދި އަލްފްރެޑޯ ޑީ ސްޓެފާނޯ (308 ލަނޑު) އެވެ.

މި މޮޅާއެކު ރެއާލް އަށް ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު، އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސެވިއާ އޮތީ 19 މެޗުން 41 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ރެއާލް ބެޓިސް އޮތީ 19 މެޗުން 33 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އަށްވެސް 20 މެޗުން 33 ޕޮއިންޓު ލިބިފައިވާއިރު ރެއާލް އަތުން ބަލިވި ވެލެންސިއާ އޮތީ 20 މެޗުން 28 ޕޮއިންޓާއެކު 9 ވަނައިގައެވެ.