އިދިކޮޅު ކޯލީޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުން އިއްޔެ ބޭއްވި އެއްވުން ކަވަރުކުރަމުން ދިޔަ "ޗެނަލް 13"ގެ ނޫސްވެރިޔަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށްބުނެ އެ މައްސަލަ "ޗެނަލް 13"އިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން "ޗެނަލް 13"ގެ ނިއުސް ހެޑް މަރިޔަމް އިއްސާދާ އިސްމާޢިލް ވިދާޅުވީ ނޫސްވެރިޔާއަށް އަނިޔާކުރި މައްސަލަ މިހާރު ވާނީ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައި ކަމަށެވެ.

އެގޮތުން، ފުލުހުންގެ ސްޕެޝަލް ކޮމާންޑަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކަށްވެސް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް އެޗެނަލްގެ ނިއުސް ހެޑް ވިދާޅުވިއެވެ.

ޗެނަލް 13ގެ ނޫސްވެރިޔާއަށް އަނިޔާވެފައިވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގެ ތެރެއިން އާންމުންގެ މީހަކަށް އަނިޔާލިބި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އެމަންޒަރު ކަވަރު ކުރުމަށް މަސައްކަތް ކުރަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވަނީވެސް ޗެނަލް 13 ގެ ނިއުސް ހެޑް މަރިޔަމް އިއްސާދާ އިސްމާއީލަށެވެ.

ނޫސްވެރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލް ތެރެއަށް ވަދެ ތިބި މީހުން ކޮންޓްރޯލްކުރަން، އައިޖީއެމްއެޗްގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންގެ ސްޕެޝަން ކޮންސްޓަބްލަރީގެ ގިނަ ބަޔަކާއި ފުލުހުން ވެސް ހަރަކާތްތެރިވެފައިވެއެވެ. ހޮސްޕިޓަލަށް ވަތް ބައެއް މީހުންނާއި ސެކިއުރިޓީ ބަލަހައްޓާ މީހުންނާ ދެމެދު ދެބަސްވުން އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ގަދަ ދައްކައި ހަމަނުޖެހުން ހިންގާތަން ވީޑިއޯ އިން ފެނެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެސްނީ ކޯލިޝަނުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރުކުރި ނަމަވެސް އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ. އެހެން ނަމަވެސް މުޒާހަރާގައި މީހުންނަށް އަނިޔާވާ ގޮތަށް ފުލުހުން ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ފުލުހުން އަންނަނީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލު ނުކުރާ ކަމަށާއި ޝަކުވާއެއް އޮތް ނަމަ ކަމާބެހޭ އިދާރާތަކަށް އެކަން ހުށަހަޅަން އެދޭ ކަމަށް ބުނަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ހަރަކާތްތައް ބާއްވަމުންނެވެ. އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތުމަށް ފަހުގައި މި ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފައެވެ.

"އިންޑިއާ އައުޓް" ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.