ގާތްގަނޑަކަށް 6 އަހަރަށްފަހު ބާސާގެ ޖާޒީގައި ލަލީގާގެ މެޗެއްގައި ޑެނީ އަލްވޭސް ކުޅުނު ފުރަތަމަ މެޗުން ގްރަނާޑާ އާއި ދެކޮޅަށްކުޅެ ބާސާ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ގްރަނާޑާގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބާސާއިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.
އެހެންނަމަވެސް ލަނޑަށްފަހު ބާސާއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގަވީއަށް ދެވަނަ ރީނދޫ ކާށޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ގްރަނާޑާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ޕުއެޓާސްއެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ހަވަނައިގައި 20 މެޗުން 32 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ރެއާލަށް 21 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފައެވެ.