ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ތަމްރީންކޮށް އެމީހުން ސެޓިފައިކުރުމުގެ މަސައްކަތްފަށައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން މިމަސައްކަތް އޭޖް ކެއަރ މޯލްޑިވްސްއާ ހަވާލުކުރީ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާއިރު މިހާތަނަށް މަރުކަޒުގައި ތިބި މުވައްޒަފުން، ބަލި މީހުން ބެލުމަށް ފުރިހަމަކުރަންޖެހޭ ތަމްރީންތަކެއް ހަދާފައި ނެތްކަން ޖެންޑާރއިން ވަނީ ފާހަގަކޮށްފައެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އޭޖްޑްކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލެވެ.

ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިއާއެކު މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެކަމަށެވެ. އަދި ޚިދުމަތްކުރަން ތިބި މުވައްޒަފުންނަށް މަސައްކަތުގެ ލޯޑު މެނޭޖްކުރާނެގޮތާއި ބަލި މީހުންނަށް އަޅާލާނެ ގޮތްތައް މިހާރަށްވުރެ ރަނގަޅަށް ޕްރޮފެޝަނަލް މީހުންގެ އެހީއާއެކު ލިބިގެންދިޔުމަކީ މުޅި ދާއިރާއަށް ލިބޭ އިތުރުކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކ. ގުރައިދޫ ޚާއްސައެހިއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސާ ޔޫޝައު ޝިހާން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަކީ އެމީހުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށެވެ.

"މިހާތަނަށް އައިރުވެސް މި ދާޢިރާއިން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގާފަ ނެތުމާޢިއެކުވެސް ޚާއްސަ އެހީއަށް ބޭނުްނވާ މަރުކަޒުގައި މަސައްކަތްކުރައްވާ ފަރާތްތަކުންވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ހަމައެކަނިި އެމުވައްޒަފުންނަށް ލިބިފައި ހުރި ތަޖްރިބާގަ."
ސީއީއޯ ޔޫޝައު ޝިހާން

ފޮޓޯ: ޖެންޑަރ މިނިސްޓްރީ

އަދި މިއީ އެ މަރުކަޒަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތު ފަހިކޮށްދެއްވިތީ އުފާކުރައްވާ ކަމަށް ޝިހާން ވިދާޅުވެ އޭޖްޑް ކެއަރ މޯލްޑިވްސްއަށް ޝުކުރު އަދާކުރެއްވިއެވެ.

ޑރ. އާމިނަތު ޖަމީލް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެފަރާތްތަކަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުކޮށްދީ އެކަން ކަށަވަރުކުރުމަށް އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މިޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންގެ ހުނަރު އިތުރުކޮށް ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީންތައް ހިންގުމަށްވަނީ ހަމަޖެހިފައިކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެއިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކޮށް ފިޒިއޮތެރަޕީއާއި ކަސްރަތުގެ ހަރަކާތްތަކާއި އިތުރު ހަރަކާތްތައް ގަވާއިދުން ތާވަލެއްގެ ދަށުން ހިންގުމުގައި އެހީތެރިވުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަދި ޑައިޓީޝަނެއްގެ އެހީއާއެކު ސިއްހަތަށް ފައިދާ ހުރިގޮތުގައި ކެއުމާއި އިތުރު ހަރަކާތްތައް ހިންގާނެގޮތް ރާވައި އިންތިޒާމުކުރުމާއި ކޮންމެ 3 މަހަކުން ރިވިއުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.