ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމަށް އިރުޝާދުދިނުމަށް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ގެނެސްފިއެވެ.

ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައިވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި އެރޮބިކްސް އާއި ޖިއު ޖިޓްސޫ އުނގަންނައިދިނުމުގައިވެސް ވިނީޝިއުސް ބައިވެރިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިނުމުގެ ޒިންމާ ވިނީޝިއުސް އާއި ހަވާލުކޮށްފައިވާއިރު މިއީ ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނެ އެންމެ މަތީ ފެންވަރުގެ ކޯޗުކަން ފާހަގަކޮށްލެވެއެވެ.

އުމުރުން 37 އަހަރުގެ ވިނީޝިއުސް ރާއްޖެ އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި ރާއްޖެ ޓީމަށް މި ފެންވަރުގެ ކޯޗެއް ހަމަޖައްސައިދިނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖިމިއްޔާ، އެފްއައިވީބީންނެވެ.

ކޯޗެއްގެ ގޮތުގައި ވިނީޝިއުސް ވަނީ މީގެ ކުރިން އިންޑޯ ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ އަދާކޮށްފައެވެ. މީގެ އިތުރުން ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.

ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފައެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފައެވެ.

ގައުމީ ޓީމާއި ވިނީޝިއުސް ހަވާލުވާއިރު މިއަހަރަކީ ރާއްޖެއިން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމަށް މަސައްކަތް ކުރަމުން އަންނަ އަހަރެކެވެ. ބީޗްވޮލީ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ޝެޑިއުލްކޮށްފައެވެ. ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ މި އަހަރުގެ އޮކްޓޫބަރު 13-16 އަށެވެ. މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެހެންކަމުން މިފަދަ މުބާރާތްތަކަކުން ރާއްޖެއަށް ކާމިޔާބީ އަކާއި ހަމައަށް ވާސިލުވުމަށް ވިނީޝިއުސްގެ ދައުރު ބޮޑުވާނެއެވެ.