އަލަށް ކޮވިޑްޖެހޭ މީހުންގެ އަދަދު އިންޑިއާގައި ރޮކެޓް ސްޕީޑްގައި މައްޗަށް އަރައިގެން ހިނގައްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގައި 141،986 މީހުން ވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވް ވެފައެވެ. މިއީ، ވޭތުވެދިޔަ މެއިމަހުގެ ފަހުން އިންޑިއާގައި އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ގިނަ ސިޓީތަކުގައި ޑެލްޓާއަށްވުރެ އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދުވަނީ މައްޗަށް ގޮސްފައެވެ.
އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު 285 މީހުން ބަލީގައި މަރުވެފައިވާ ކަމަށެވެ. މިއާއެކު އިންޑިއާގައި މިހާތަނަށް ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު 483،463 އަށް އަރާފައިވާއިރު، 35.37 މިލިއަން މީހުންނަށް ބަލިޖެހިފައި ވެއެވެ.
އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން އިންޑިއާގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓި، ރޮކެޓެއްހެން މައްޗަށް ދާންފެށުމާ ގުޅިގެން މައި ސަރުކާރާއި، އަދި ސްޓޭޓް ސަރުކާރުން ތަކުންވެސް ގެންދަނީ އަލުން ފިޔަވަޅުތައް އަޅައި ވަރުގަދަކުރަން ފަށާފައެވެ.
އެގޮތުން، ރޭގަނޑަށް ކާފިއު ހިންގުމާއި، ކެފޭ، ރެސްޓޯރަންޓްތަކަށް ވަދެވޭ މީހުންގެ އަދަދު މަދުކޮށް ހިންގުންފަދަ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ. ބައެއް ސްޓޭޓްތަކުންވަނީ ސްކޫލްތަކާއި ސިނަމާތައްވެސް ބަންދުކޮށްފައެވެ. އަދި ގިނަމީހުން އެއްތަންވެގެން ބާއްވާ ހަރަކާތްތައް މަދުކުރަންވެސް އަންގާފައި ވެއެވެ.
އިންޑިއާގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާންފެށި ނަމަވެސް، ސިޔާސީ ލީޑަރުން އަވަދިނެތި އުޅުއްވަނީ ކުރިއަށްއޮތް ސްޓޭޓްތަކުގެ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގައެވެ.
އެގޮތުން، އެތައްހާސް މީހުން ބައިވެރިކޮށްގެން ބޮޑެތި ކެމްޕެއިން އެއްވުންތައް ބާއްވަމުން ގެންދާއިރު، އެފަދަ އެއްވުންތަކުގައި ގިނަމީހުން މާސްކްވެސް ނާޅާކަމަށް މީޑިއާއިން ބުނެއެވެ.
ޑެލްޓާ ވޭރިއެންޓް އިންޑިއާގައި ފެތުރެންފެށި ދުވަސްވަރަކީވެސް މިފަދަ ބޮޑެތި ކެމްޕެއިން އެއްވުން ކުރިއަށްދިޔަ ދުވަސްވަރެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނިވަޑައިގަންނަވާ ގޮތުން ސިޔާސީ ޕާޓީތަކުން ބޮޑެތި އެއްވުންތައް ބޭއްވިއިރު، މޯދީވެސް ގިނަފަހަރު މާސްކެއް ނާޅުއްވައެވެ.
ނަތީޖާއެއްގެގޮތުން، ކޮވިޑްގެ ހާލަތު އިތުރަށްގޯސްވެ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަމީހުންނަށް ބަލިޖެހި ހާލަތު ގޯސްވެގެންދިޔަ ގައުމަށް އިންޑިއާވަނީ ވެގެން ގޮސްފައެވެ. ހޮސްޕިޓަލަކުން ޖާގަނުލިބުމާއި، އޮކްސިޖަން ލިބޭނެ ގޮތެއްނުވެ، ހޮސްޕިޓަލްތައް ކައިރީގައި މަގުމަތީގައާއި، ގޭގޭގައި އެތައްހާސް ބަޔަކު މަރުވެދިޔައެވެ.
މިފަހަރުވެސް އިންޑިއާއިން މިހާރު ފެންނަމުންދަނީ އެމަންޒަރު ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އިންޑިއާގެ ސިއްހީ މާހިރުން ވިދާޅުވަނީ، އޮމިކްރޮންގެ ސަބަބުން ބަލިޖެހޭ މީހުން މަރުވާ މިންވަރު މަދުނަމަވެސް، އަދި ބަލިޖެހޭ ބައެއް މީހުންގެ ކިބައިން އާލާމާތްތައް ނުފެނުނު ނަމަވެސް، އޮމިކްރޮން ވޭރިއެންޓުގެ ކަންތައް ލުއިގޮތަކަށް ނަގައިގެން ނުވާނެ ކަމަށެވެ.
ބަލިޖެހޭ މީހުންގެ އަދަދުތައް ގިނަވުމަކީ ސިއްހީ ޚިދުމަތް ދިނުމުގެ މިހާރުވެސް ނާޒުކު ހާލަތުގައި އޮތް ނިޒާމަށް ބާރުބޮޑުގެ ބޮއްސުންލައިގެން ހިނގައިދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ގެންދަވަނީ އިންޒާރު ކުރައްވަމުންނެވެ.
މިގައުގެ ރައީސް މީހާވެސް އެދުވަނީނު ގޮނޑިއެއް ގެއްލިދާނެތީ ހަށީހޭހުސްވެގެން މުޅި ދައުލަތުގެ އެއްމެން ގޮވައިގެން. އެކަމަކުން ކޮވިޑެއް ނާރާނެ. ކޮވިޑް އަރާ ފެތުރޭމީ ނިކަނެތި ރައްޔިތުން ކަނެއްކުރާހެން ހޒިވަންޏާ.