ރަށްގިރުމުގެ މައްސަލަ އާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ދިއްފުށީ ކައުންސިލުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާގެ ބައްދަލުވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިންހިއްކުމާއި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ލެބޯޓްރީގެ ޚިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
އަދި ރަށަށް އައު އެމްބިއުލަންސެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަންވެސް މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްގީކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިގްތިސާދީ އިޖްތިމާޢީ ތަރައްގީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހް ވަނީ ދިއްފުށީ ބިންހިއްކައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ޙިއްސާކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަކުރައްވާފައެވެ.