ޕްރެޒިޑެންޓްސް ކަޕުގައި އާދިއްތަ ދުވަހުގެ ހަވީރު ޔޫވީ އާއި ދެކޮޅަށް ނުކުމެ، އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ފައިނަލުގެ ޖާގައަކާއި ގާތަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު ބުރެއް ކުޅެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމަކަށެވެ. ފައިނަލުގެ ޖާގައަށް ވާދަކުރާ ތިން ޓީމު ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ އަދި ގްރީން ސްޓްރީޓްސް އަށް ބާކީ އޮތީ ދެ މެޗެވެ. ފައިނަލުގެ ޖާގަ ހޯދަން މާޒިޔާ އާއި ވެލެންސިއާ އަށް ބޭނުންވަނީ ބާކީ ދެ މެޗުން ދެ ޕޮއިންޓެވެ.

މިހާތަނަށް ކުޅުނު މެޗުތަކުން ލީގު ބުރުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު ދެވަނައިގައި އޮތީ ވެލެންސިއާއެވެ. މި ދެޓީމުވެސް ކުޅުނު ފަސްމެޗުވެސް ކާމިޔާބު ކޮށްފައިވާއިރު މިހާތަނަށް 15 ޕޮއިންޓު ހޯދާފައިވެއެވެ. ވެލެންސިއާ އަށް މާޒިޔާގެ މައްޗަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ފަސް މެޗުން 12 ޕޮއިންޓެވެ.

މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި މާޒިޔާއިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ފުރަތަމަ ހާފު ނިމުނީ 0-1 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 30 އަކަށް ސިކުންތުގެ ތެރޭގައި މާޒިޔާއިން ލީޑުފުޅާކުރިއިރު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިއްބެއެވެ. މިއީ އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ބޯޅަ ހިފައިގެންގޮސް، ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިގެން އިއްބެ ކާމިޔާބުކުރި ލަނޑެކެވެ.

މާޒިޔާގެ ތިންވަނަ ލަނޑު އިއްބެ ކާމިޔާބުކުރީ އޭގެ 4 މިނެޓުފަހުންނެވެ. އަދި މެޗުގައި އިއްބެ ތިންވަނަ ލަނޑެއްޖަހާ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގައި މެޗުގެ 72 ވަނަ މިނެޓުގައެވެ. މިއީ އައިސަމް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އިއްބެ ކާމިޔާބުކުރި ލަނޑެކެވެ.

ރަނގަޅު ފޯމެއްގައި އޮވެ، ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު މިރޭވެސް މި މުބާރާތުގައި މެޗެއް ކުޅޭނެއެވެ. އެގޮތުން މިމެޗުގައި މިރޭ 21:00 ގައި ނުކުންނާނީ ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް އެވެ.