ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރުމަށް ޖުމްހޫރި ޕާޓީން ނިންމީ އެދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދާއި އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް އެޕާޓީން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނާއި، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ އިތުރުން އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ.

ޖޭޕީން ކޮމަންޑޫ ދާއިރާއަށް ވާދަނުކުރާނެ ކަން މީގެ ކުރިން ހާމަކޮށްފައިވީނަމަވެސް، ވާދަނުކުރަން ނިންމި ސަބަބެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.

"ވީނިއުސް" އާ ވާހަކަދައްކަވަމުން ޖޭޕީގެ އިސްތަރުޖަމާނު އަލީ ސާލިހް ވިދާޅުވީ، އެޕާޓީން ކޮމަންޑޫ ދާއިރާއަށް ވާދަނުކުރަން ނިންމީ މެމްބަރު ހުސެއިނާއި، އިލާއަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށާއި، މެމްބަރު ކުރެއްވި މަސައްކަތް ކުރިއަށް ގެންދެވޭނީ ކޮން ކެނޑިޑޭޓަކަށްކަން ނިންމާނީ އާއިލާއިން ކަމުގައި ޖޭޕީން ދެކޭތީ ކަމަށެވެ.

މީގެއިތުރުން، އަލީ ސާލިހް ވިދާޅުވީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިނުވާ ކަމަށާއި، ނަމަވެސް އެމްއެންޕީގެ ކެންޑިޑޭޓަށް ކަނޑައެޅިގެން ޖޭޕީން ތާއީދުނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަކީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ މޫސާ ފަތުހީއެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.

އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި އަބްދުލް ހަންނާން އިދުރީސްއެވެ.