ބިންދާލި ކޮވިޑް-19ގެ އިތުރު ރާޅާއެކު އެއްކަލަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނިކަން ވަރުގަދައަށް އެކްޓިވްވެލައިފިއެވެ. އައު އަހަރު ފެށުމުގެ މަޖާނަގަން ހަވަރު އެއްކޮށްގެން ހުޅުމާލޭގައި ހަވާއަރުވައި ބޮޑު ސިންގާ "ނިޔު އިއާޝޯއެއް" ބޭއްވިއިރު ކަހާތަން ހިރުވާލިހެން ވެސް ހިޔެއް ނުވެއެވެ. ނުވިތާކަށް ގައިޑްލައިންތަކާ މުޅިން ޚިލާފަށް ވަރުވަރުން މާލޭ ސަރަހައްދުގައި ނައިޓް މާކެޓްތަކެއް ބާއްވަމުން ދިޔައިރު ވެސް ހާލަތު ގޯސްވެދާނެކަން އެ ވެރިންނަށް އެނގިފައި ނެތް ފަދައެވެ.

މުޅި މާލޭ ތެރޭގައި ބަސްނާހާ ކުދިންކޮޅު މާސްކު އެޅުމެއް ނެތި އެތައް ދުވަހަކު އުޅުނު އިރު ފެނުނު މީހަކު ހަމަ ނެތީއެވެ. މިހުރި ކަންކަމުގެ ގޯސް ނަތީޖާ މި ރާއްޖޭގެ ތަންފީޒީ މުވައްސަސާތަކާއި ވުޒާރާތަކަށް ފެންނަނީ އަބަދު ވެސް ހާލަތު ގޯސްވާ ހިސާބުންނެވެ. މި ފަހަރު ވެސް މިވީ އެހެންނެވެ. ދިވެހިންނަކީ 'ފޫކޮޅުގައި ރޯވުމުން' ކޮންމެ ކަމެއް ވެސް ކުރާ ބައެކޭ ބުނާތީ އަޑުއަހަމެވެ. އެޗްޕީއޭއަށް ވެސް މިވީ އެހެން ތޯއްޗެކެވެ.

2022 އަށް މަރުހަބާ ކިޔަން ޔޫތު މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯގައި، އާ އަހަރު ފެށުމާއެކު ހަވާއަރުވަނީ: މި މަންޒަރު ބަލަން ވަރަށް ގިނަ ކުޑަކުދިން ވެސް ދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އަވަށްޓެރި އިންޑިއާއަށް ބަލައިލަމާ ހެއްޔެވެ؟ އިންޑިއާގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާންފެށި ނަމަވެސް، ސިޔާސީ ލީޑަރުން އަވަދިނެތި އުޅުއްވަނީ ކުރިއަށް އޮތް ސްޓޭޓްތަކުގެ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގައެވެ. އެގޮތުން، އެތައްހާސް މީހުން ބައިވެރިކޮށްގެން ބޮޑެތި ކެމްޕެއިން އެއްވުންތައް ބާއްވަމުން ގެންދާއިރު، އެފަދަ އެއްވުންތަކުގައި ގިނަމީހުން މާސްކްވެސް ނާޅާކަމަށް މީޑިއާއިން ބުނެއެވެ.

ޑެލްޓާ ވޭރިއެންޓް އިންޑިއާގައި ފެތުރެންފެށި ދުވަސްވަރަކީވެސް މިފަދަ ބޮޑެތި ކެމްޕެއިން އެއްވުން ކުރިއަށްދިޔަ ދުވަސްވަރެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނިވަޑައިގަންނަވާ ގޮތުން ސިޔާސީ ޕާޓީތަކުން ބޮޑެތި އެއްވުންތައް ބޭއްވިއިރު، މޯދީވެސް ގިނަފަހަރު މާސްކެއް ނާޅުއްވައެވެ. ނަތީޖާއެއްގެ ގޮތުން، ކޮވިޑްގެ ހާލަތު އިތުރަށްގޯސްވެ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަމީހުންނަށް ބަލިޖެހި ހާލަތު ގޯސްވެގެންދިޔަ ގައުމަށް އިންޑިއާވަނީ ވެގެން ގޮސްފައެވެ.

މިހާރު ރާއްޖޭން ވެސް ފެންނަމުންދަނީ އެމަންޒަރު ކަމަށް ރަށު ތެރޭ އެބަ ކިޔައެވެ. ނަމޫނާ ދައްކަވަން ތިއްބެވި ވެރިން ބަލަނީ ކެމްޕޭން ކުރެވޭތޯއެވެ. މީސްތަކުން އެއްކޮށްގެން ކެމްޕޭން ޖަލްސާތައް ބޭއްވޭތޯއެވެ. މާސްކުއެޅުމެއް ގައިދުރުމެއް ވެސް ނެތިއެވެ. އަތާއި އަތްޖޯޑުކޮށް ސަލާމްވެސް ކުރަނީއެވެ. ފަހަރުގައި އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ވެރިންނަށް ނޭނގުން ގާތެވެ. ކޮވިޑަށް ނުދެވޭ ސަމާލުކަމެއް ކޮމަންޑޫ ދާއިރާއަށް ޕާޓީން ކުރިމަތިލެއްވި ކެންޑިޑީޑޭޓްގެ ކެމްޕޭނަށް ދެވުމުން އެ ވަރު ކަމެއް ހިނގާފާނެއެވެ.

ކޮންމެ ގޮތަކަށް ކަން ވިޔަސް ހާލަތު ގޯސް ނުވާ ކަމަކަށް ދެން ނުވާނެއެވެ. މާލެއާއި އަތޮޅު ތެރޭގައި ކޭސްތައް އިތުރުވަމުން އެ ދަނީ ފަތުއަޑުކިޔާފައެވެ.

ފިޔަވަޅެއް އެޅުނު ކަމަށް މިވީ އަދަދުތައް ތިންސަތޭކައިން މައްޗަށް އަރާ އަތްނުފޯރާ ފަށަށް ދިޔާމައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ 5 އިންސައްތަ އިން މަތީގައެވެ. މިކަމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް 10 ޖެނުއަރީން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުނަށް ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އޮތުން މަޖުބޫރުކުރުމާއި ވެކްސިންގެ ޑޯޒް ފުރިހަމަ ނުވާ ނަމަ، ދަތުރުކުރުމުގެ ކުރިން 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަކުރުމަށް މަޖުބޫރުކުރުން އަދި މާލޭ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން "ކޮވިޑް ސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށް ފަހުގައި ދަތުރުކުރުމުގެ އިތުރުން ކަރަންޓީންވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް މަޖުބޫރުކުރުން، އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

އެޗްޕީއޭން އެޅި ފިޔަވަލުތަކާއެކު މި ވަނީ އަނެއްކާ ވެސް އެއްކަލަ އަޑު ގަދަވެފައެވެ. ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އޮތުން މަޖުބޫރުކުރުމަކީ ވަކި ބަޔަކު މަންފާ ހޯދުމަށް ހިންގާ ޖަރީމާއެކޭ ބުނާ އަޑެވެ. މި އަޑު ރަށު ތެރޭގައި ގަދަވެފައި ވާއިރު، މިއީ އެންމެ މީހަކު ދެމީހަކު ދައްކާ ވާހަކައެއް ނޫނެވެ. ކަންކަން މިހެން ވުމުން އެންމެ އުފާވާނީ ޕީސީއާރް ހަދައިދޭ ތަންތަނުގެ ޕްރޮފިޓް ޝެއާރ އޮންނަ ޑޮކްޓަރުންނަށް ކަމަށް ބަޔަކު މީހުން އެބަ ކިޔައެވެ. އެ ވާނީ ތެދަކަށެވެ.

މިދިޔަ އަހަރު ރަށަށް ދާންވެންގެން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ވާހަކަ ބުނުމުން އަޅުގަނޑުގެ އެކުވެރިޔަކު ބުނީތީ އިވުނެވެ. ހަތްސަތޭކައެއްހާ ރުފިޔާ ދެނިކޮށް އެކަން ނިމިދާނެއެވެ. މާލޭ ސަރަހައްދުގައި ހުރި ނަން ހިނގާ ޕްރައިވެޓް ހޮސްޕިޓަލަކުން ނެގެޓިވް ނަތީޖާ ރިޕޯޓެއް ގަނެވިދާނެ ކަމަށް އެކުވެރިޔާ ބުނުމުން ވަރަށް ހައިރާންވިއެވެ. ގަބޫލުކުރަން ދަތި ނަމަވެސް އެއީ ތެދުކަން އޭނާ ސާބިތުކޮށްދިނީ ސާމްޕަލް ނުނަގައި ހަމަ އެ ދުވަހު އޭނާ ހޯދި ނެގެޓިވް ނަތީޖާ ރިޕޯޓަކުންނެވެ.

މި ދެންނެވީ އަޅުގަނޑު ނަތީޖާ ގަތް ވާހަކައެއް ނޫނެވެ. އަޅުގަނޑު ނުގަތަސް އަޅުގަނޑުގެ އެކުވެރިޔާ ފަދައިން ނަތީޖާ ގަންނާނެ އެތައް ބަޔަކު ތިބޭނެ ކަމީ ދުވާލު އިރު ފެންނަހެން ގައިމުކަމެކެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ، ފައިސާކޮޅަކުން މުޅި މުޖުތަމައު އަދި އަމިއްލަ ނަފުސު ނުރައްކަލަކަށް ހުށަނޭޅުމަށް އެދި އެކުވެރިޔާއަށް އާދޭސް ކުރީމެވެ.

މާލޭގެ ބައެއް ކްލިނިކުތަކުންނާއި ބައެއް ހޮސްޕިޓަލުތަކަށް ފައިސާ ދިނުމުން ސާމްޕަލް ނުނެގިޔަސް ޕީސީއާރް ޓެސްޓްގެ ނަތީޖާ ދެމުން އަންނަ ކަމަކީ ގިނަ ބަޔަކަށް އެނގޭ ބޮޑު ސިއްރެކެވެ. ނަމަވެސް އެޗްޕީއޭން މިކަން ދޮގުކުރެއެވެ. ބުނެވޭ ގޮތުގައި އެޗްޕީއޭގެ ތެރޭގައި ވެސް މި ޖަރީމާއިން ނަފާ ލިބޭ ޑޮކްޓަރުން ކަމަށް ބުނާ ބަޔަކު އެބަ ތިއްބެވެ. ފަހަރުގައި މި ޖަރީމާ ހިންގާކަން އެނގި ތިބެ ނޭނގޭ ކަމަށް ބުނަނީ ނޫނީ ނުވާ ކަމެއް ކަމަށް ދެއްކުމަށް އެެ ވެރިން މަސައްކަތް ކުރަނީ މި ސަބަބާ ހުރެ ކަމަށް ވެސް ވެދާނެއެވެ.

އަޅުގަނޑަށް ޔަގީންވާ ކަމަކީ މިކަން ހިނގަމުންދާ ކަމެވެ. އަދި ޕީސީއާރް ޓެސްޓް މަޖުބޫރުކުރުމަކީ ނަތީޖާ ވިއްކައިގެން ފައިދާ ނަގާ ފަރާތްތަކަށް ހުޅުވުނު އިތުރު ދޮރަކަށް ނޫނީ ނުވާނެ ކަމެވެ.