މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާ މީހުންނަށް ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ދަތުރުކުރުން މަޖުބޫރުކުރުމަށް ފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ އުސޫލަށް ލުޔެއް ދީފިއެވެ.

އެޗްޕީއޭއިން ކުރިން ނެރުނު އިއުލާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މާދަމާއިން ފެށިގެން ދަތުރުކުރެވޭނީ ޕީސީއާރްގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ.

ނަމަވެސް ސާމްޕަލް ނެގުމަށް ސޯޝަލް ސެންޓަރު ސަރަހައްދަށް ޖަމާވެފައިވާ މީހުންގެ ގިނަ އަދަދެއްގެ ޝަކުވާއާއި އާންމު ރައްޔިތުންގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވަނިކޮށް އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި މާލެއިން ރަށްރަށަށް ދަތުރުކުރަންޖެހޭ މީހުންނަށް އަމަލުކުރެވިދާނެ ދެގޮތެއް ކަނޑައަޅާފައެވެ.

އެގޮތުން، އަތޮޅުތެރެއަށް ދަތުރުކުރާ މީހުންނަށް މާލެއިން ސާމްޕަލް ނެގުމަށް ފަހު، ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވިދާނެ ކަމަށާއި، ނޫނީ މާލެއިން ރަށަށް ދަތުރުކުރުމަށްފަހު ރަށުން ސާމްޕަލް ނަގައި، ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވިދާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ސާމްޕަލް ނެގުމުގެ އިންތިޒާމް މާލެ ސަރަހައްދުގައި މިވަގުތު ހަމަޖައްސާފައިވަނީ ސޯޝަލް ސެންތަރު ސަރަހައްދުގައި އެކަންޏެވެ. އެގޮތުން ރޭގަނޑު 7:30 ފެށިގެން 9:30 އާ ހަމައަށް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ 5 އިންސައްތައަށް ވުރެ މަތިވެފައިވާތީ ކަމަށެވެ.