މާލެ ސިޓީގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނެ ތަންތަން ހެދުމަށް ސަރުކާރުން އެދުނު ނަމަވެސް އެއީ އެއްގޮތަކަށްވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މޭޔަރ މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ބެހެއްޓުމުގެ މަސައްކަތް ކުރީ ކައުންސިލުން ވަނީ ކޮށްފައެވެ.

އެގޮތުން މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް ބަހައްޓާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ އާންމުން އުޅޭ އެއްވެސް ސަރަހައްދެއްގަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި އަދި އެކަމުގައި މާލެ ސިޓީ ކައުންސިލްގެވެސް ތާއީދެއް ނެތް ކަމަށެވެ.

ސަރުކާރުން އަޅުގަނޑުމެންގެ ކިބައިން އެބައެދޭ އެކަމުގަ އެހީތެރިކަން ދެއްވުމަށް. އެ ބޭފުޅުން ބޭނުންވަނީ މާލޭގަ ބައެއް ސްޕޮޓްތަކުގަ ދުންފަތުގެ އިސްތިއުމާލު ކުރަން ތިބެވޭ ޖަގަހަ ކަނޑައަޅަން. ދެން އަޅުގަނޑުމެން ދަންނަވާ ވާހަކައަކީ އަޅުގަނޑު ގަބޫލުކުރާގޮތުގަ އަދި މާލެ ސިޓީ ކައުންސިލުގެ ވިސްނުމަކީ މަގުމަތީގަ ދުންފަތުގެ އިސްތިއުމާލު ކުރަން ތިބޭ ކަމަށްވާނަމަ ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންނަށް ދުންފަތުގެ އިސްތިއުމާލު ކުރަން ދައުވަތު ދެވެނިއޭ. އެ މީހުންނަށް ހިތްވަރު ދެވެނީއޭ އެކަން ކުރަން."
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މޭޔަރ މުޢިއްޒު

ދުންފަތުގެ އިސްތިއުލާމު ކުރަން ހުރި ފުރުސަތުތައް މަދު ނޫންކަން ފާހަގަކުރައްވާ މޭޔަރު ވަނީ ކެފޭ އަދި ރެސްޓޯރެންޓްތަކުގަ ހެދިފަ އޮންނަ އުސޫލުގެ ދަށުން އެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ ފުރުސަތެއް މަގުމަތީގައި ދިނުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި އެކަމުގައި ސަރުކާރަށް އެހީތެރިކަންދޭންޖެހޭ ތަނެއް ނުފެންނަ ކަމަށާއި އެކަމުންވާ ފައިދާއަށްވުރެ ބޮޑީ ގެއްލުން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގަ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން ލަސްވަމުންދާތީ ކަމަށް ކުރީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެޗްޕީއޭއާއި ކުރީ ކައުންސިލުން ވަނީ ހަވާލުކޮށްފައެވެ.

އެ ބޫތުތަކުގެ މަސައްކަތް ނިމުމާއެކު އެކަން ތަންފީޒު ކުރުމަށް އޭރު ރާވާފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ 2019 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.