ރަށުން ބޭރުގައި ތިބި ދަރިވަރުންނާއި ޓީޗަރުން ވީހާވެސް އަވަހަށް ރަށަށް ދިއުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސުކޫލުތަކުގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެއިސްކަންދޭ ކަންތައް ކަމަށެވެ.
އެގޮތުން ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، މާލެ ސަރަޙައްދުގައި ކޮވިޑައަށް ފައްސިވާ ޢަދަދު ނިސްބަތުން 5 ޕަސެންޓަށް ވުރެ މަތިވެފައިވާތީ، މާލޭން އެހެން ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ހިއްޕަވައިގެން ދަތުރުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެންގުމާ ގުޅިގެން އެ ގޮތަށް އަމަލު ކުރުމަށް ދަންނަވާ ކަމަށެވެ.
މިވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރައްވާ ވީއެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ވެއެވެ.