ސައުތު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ފުޓުބޯޅަ ކުލަބުތަކުގެ މެދުގައި ބާއްވަން މަސައްކަތްކުރި، ސާފް ކްލަބް ޗެމްޕިއަންޝިޕް މިއަހަރުވެސް ނުބާއްވާނެކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މިއަހަރަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހާމަކޮށް އިއުލާންކުރި ކަލަންޑަރުގައި މި މުބާރާތް ނުހިމަނައި އޮތުމުންނެވެ. ސާފް ކްލަބް ޗެމްޕިއަންޝިޕް ފަށަން މަޝްވަރާކުރީ މިދިޔަ އަހަރު ބޭއްވި ސާފްގެ އާންމު ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ ރާއްޖޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހުއެވެ.

މިއީ މި މުބާރާތް ބާއްވަން ސާފް އިން މަސައްކަތް ކުރަމުން އަންނަތާ ގާތްގަނޑަކަށް 12 ވަނަ ފަހަރެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ސާފް އިން މި މުބާރާތް ބޭއްވުމަށް މަޝްވަރާތައް ކޮށްފައިވާއިރު، މިކަން ކުރެވޭނެ މަގެއް ވަނީ ނުފެނިފައެވެ. ބައެއް ގައުމުތަކުގެ އެފްއޭއިންނާއި ނޫސްވެރިން ތުހުމަތުކުރާ ގޮތުގައި މި މުބާރާތް ނުފެށި ލަސްވަނީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އަށް މުބާރާތް ބާއްވާނެ ތާރީހަކާ މެދު އެއްބަސްވުމަކަށް ނާދެވޭތީ އެވެ. އަދި މިއީ ސަރަހައްދީ ފުޓުބޯޅައިގައި އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއްކަމަށްވެސް މިފަދަ ތުހުމަތުތައް ކުރާ ފަރާތްތަކުން ބުނެއެވެ.

ސާފް އިން މި އަހަރު ފަސް މުބާރާއެއް ކުރިޔަށް ގެންދަން ކަލަންޑަރުގައި ހިމަނައިފައިވާއިރު، އެންމެ ފުރަތަމަ އޮންނާނީ 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕެވެ. އިންޑިއާގައި މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މާޗު 15-26 އަށެވެ.

ދެން އޮތީ 20 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖޭން ވަނީ 2019 ވަނަ އަހަރު 18 އަހަރުން ދަށަށް ހާއްސަކޮށް ނޭޕާލުގައި ބޭއްވި މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. މި އަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 25 އިން އޮގަސްޓް 5 އަށް، އިންޑިއާގަ އެވެ. އަދި 17 އަހަރުން ދަށުގެ މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 5-16 އަށް ސްރީ ލަންކާގަ އެވެ.

މިދިޔަ އަހަރު ނުބޭއްވުނު އަންހެން ސާފް ޗެމްޕިއަންޝިޕް ވަނީ މި އަހަރުގެ ކަލަންޑަރުގައި ހިމަނައިފަ އެވެ. ސާފް އިން އަންނަނީ އަންނަ އޮގަސްޓް މަހު 12-24 އަށް ނޭޕާލްގައި މުބާރާތް ބާއްވަން މަސައްކަތް ކުރަމުންނެވެ. މި އަހަރު ބަންގްލަދޭޝްގައި 15 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަން ކަލަންޑަރުގައި ވަނީ ހިމަނައިފަ އެވެ. ނަމަވެސް މުބާރާތް ކުޅޭނެ ތާރީހެއް އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.