• ސަރުކާރުން މަޖުބޫރުކޮށްގެން ސްކޫލްތައް ހުޅުވައިފި
  • އޮމިކްރޮން ބަލިކަށިތޯ ދެނެގަތުމަށް އިތުރު ދިރާސާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ

އިޓަލީގައި ވެކްސިން ނުޖަހާ ތިބި މީހުންނާ ދެކޮޅަށް އިޓަލީ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެގޮތުން، ވެކްސިން ނުޖަހާ މީހުންނަށް ރެސްޓޯރަންޓްތަކަށްގޮސް ޚިދުމަތް ހޯދުމާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯދުމާއި، އެތެރޭގެ އުދުހުންތަކުން ފުރުސަތު ނުދިނުމަށްވެސް ނިންމާފައި ވެއެވެ.

ވެކްސިން ނުޖަހާ މީހުންނަށް ދަތިކޮށް އިޓަލީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް މިހާރުވަނީ އަމަލުކުރަން ފަށާފައެވެ.

އިޓަލީ ސަރުކާރުން މިފިޔަވަޅު އެޅީ، އެހެން މީހުންގެ މެދުގައި ކޮވިޑްބަލި ފެތުރުމާއި، އަލަށް ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓުން އެންމެ ގިނައިން ބަލިޖެހެމުންދަނީ ވެކްސިން ނުޖަހާ މީހުންނަށްކަން ހާމަވަމުންދާތީއެވެ.

ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް އިޓަލީ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއިރު، ކޮވިޑްގެ ހާލަތަށްފަހު އިޓަލީގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ސްކޫލްތައް ހުޅުވައި މިހާރުވަނީ ކިޔަވައިދޭން ފަށާފައެވެ.

އިޓަލީގެ މީޑިއާއިން ބުނެފައިވަނީ، ގިނަ ސްކޫލްތައް ހުޅުވައި، ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން މިފެށީ، އިޓަލީ ސަރުކާރުން މަޖުބޫރު ކޮށްގެންނެވެ.

ސަރުކާރުން މަޖުބޫރުކޮށްގެން ސްކޫލްތައް މިހުޅުވީ، ސްކޫލްތައް ހުޅުވުން އަދި އިތުރު ދެހަފްތާއަށް ނަމަވެސް ފަސްކުރުމަށް ހެޑްޓީޗަރުންނާއި، ޑޮކްޓަރުންގެ ޔޫނިއަނާއި، ބައެއް ސިޓީތަކުގެ މޭޔަރުން ސަރުކާރަށް ގޮވާލަމުން ގެންދަނިކޮށެވެ.

އިޓަލީގެ އިސް ވައިރޮލޮޖިސްޓް މާސިމޯ ގޯލީ ވިދާޅުވީ، ކޮވިޑްބަލީގެ މި ނާޒުކު ވަގުތު ސްކޫލްތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން ފެށުމަކީ އިތުރު ކަންބޮޑުވުމެއް ގެނުވާނެ ކަމެއް ކަމަށެވެ.

ސްކޫލްތައް ހުޅުވުމުން، ޖެނުއަރީ ފަހުކޮޅަށް އަޅާއިރ ކޮވިޑްކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ަކމަށް ވައިރޮލޮޖިސްޓުން އިންޒާރު ކުރައްވާފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ގޯސްވަމުންދާތީ، ގައުމުތަކުން ގެންދަނީ ހަރުކަށި އެތައް ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން، ވެކްސިން ނުޖަހާތިބި މީހުންނާ ދެކޮޅަށްވެސް ބައެއް ގައުމުތަކުން ގެންދަނީ ދަތިކުރަމުންނެވެ. ފިލިޕީނސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭވަނީ، ވެކްސިން ނުޖަހާ މިހުން ހިފައި ހައްޔަރުކޮށް ޖަލަށްލާން ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދުވެސް ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު ގޯސްނުވާ ކަމަށާއި، ފެންނަނީ ލުއި އަލާމާތްތަކެއް ކަމަށް އައު ހޯދުންތަކުން ދައްކާ ކަމަށެވެ.

އެހެން ނަމަވެސް، ޑަބްލިޔުއެޗްއޯގެ އިންސިޑެންޓް މެނޭޖަރ ޑރ. އަބްދީ މަހަމޫދު މިއަދުވެސް ވިދާޅުވީ، މިކަން ޔަގީންކުރުމަށްޓަކައި އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.