ރާއްޖެއިން 454 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އާދިއްތަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 4،197 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 454 ސާމްޕަލް ކަމަށެވެ.
ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 192 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 165 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 74 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.
އަލަށް ޕޮޒިޓިވްވި 454 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 98،506 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 140 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 94،404 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދަދުތަކާއިއެކު މާލޭ ސަރަހައްދުން މިހާރު ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 3،825 ގައެވެ. މީގެތެރެއިން 21 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އެޗްޕިއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރެވޭނީ ޕީސީއާރްގެ ނެގެޓިވް ނަތީޖާއާއެކު ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.