ސްރީލަންކާގެ މަޝްހޫރު ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޑެސްމަންޑް ޑިސިލްވާ މަރުވެއްޖެއެވެ.

ކޮލަމްބޯ ޓައިމްސުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑެސްމަންޑް މަރުވެފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައެވެ.

1944 ވަނަ އަހަރު ސްރީލަންކާގެ އަވަށެއް ކަމުގައިވާ މާތަރައަށް އުފަން ޑެސް އޭނަގެ ލަވަކިޔުމުގެ ކެރިއަރ ފެށީ 1963 ވަނަ އަހަރު، އެ ގައުމުގެ ބޭންޑެއް ކަމުގައިވާ ފަޔަރ ފްލައިސްއިންނެވެ. ޑެސްއަކީ ލަންކާގެ ބައިލާ ކިންގ ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ.

އެންމެ ފުރަތަމަ ޑެސްގެ ލަވައެއް ބްރޯޑްކާސްޓްކޮށްފައިވަނީ އެގައުމުގެ އެންމެ ދުވަސްވީ ރޭޑިޔޯ ޗެނަލްކަމުގައިވާ ރޭޑިޔޯ ސިލޯނުންނެވެ. އޭރު ޑެސް މަސައްކަތްކުރަމުން ގެންދިޔައީ ފަޔަރަފްލައިސްގައި ލީޑް ވޯކަލިސްޓެއްގެ ގޮތުގައެވެ.

މީގެ އިތުރުންވެސް ސްރީލަންކާގެ މަޝްހޫރު އެހެން ބޭންޑްތައް ކަމުގައިވާ "ސްޕިޓްފަޔަރސް"، "ގެބޯ އެންޑް ދަ ބްރޭކާރސް"ގެ އިތުރުން "ޖެޓްލައިނަރސް"ގައިވެސް ޑެސްވަނީ ޕާފޯރމްކޮށްފައެވެ.

ފޮޓޯ: ގޫގުލް

ޑެސްގެ އެންމެ މަޝްހޫރުކަން ހޯދި ލަވައެއްގެ ގޮތުގައި ފާހަގަވެފައިވަނީ މިގްނަން ފެނާންޑޯއާއިއެކު އޭނަ ކިޔާފައިވާ "އޮބަ ނިސާ"އެވެ. އެ ލަވަ ވަނީ މިއުޒިކަލް މާސްޓަރ ޕީސްއެއްގެ ގޮތުގައި އިންޓަރނޭޝަނަލް ސޯންގްފެސްޓިވަލްގައި ފާހަގަކޮށްފައެވެ.

1976 ވަނަ އަހަރު އަމިއްލަ މިއުޒިކް ބޭންޑެއް "ޑެސްމަންޑް އެންޑް ދަ ކްލޭން"ގެ ނަމުގައި އުފައްދާ ސައުތް އޭޝިއާގެ ގިނަ ގައުމުތަކެއްގައި ޑެސްވަނީ ޕާފޯމްކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. އަދި ޑެސްއަކީ އިހުގެ ދިވެހިންގެ މެދުގައިވެސް މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އޯގަސްޓް 2005 ވަނަ އަހަރ ޑެސްވަނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑަރ ނުވަތަ އޯޓިޒަމަށް އެގަައުމުގެ އާންމުން ހޭލުންތެރި ކުރުމަށްވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އޭނަ ވަނީ އަމިއްލަ އިހުސާސްތައް ބަޔާންކޮށްނުދެވޭ އެގައުމުގައި ތިބި 38000 އޯޓިޒަމް ބަލި ތަހަައްމަލު ކުރަމުންދާ މީހުންގެ އިހުސާސްތައް ބަޔާންކޮށް އަޑު އުފުލާފައެވެ. އަދި މިކަމަށް ސްރީލަންކާ ރައްޔިތުން ހޭލުންތެރިކުރުވީވެސް ޑެސް އޭ ބުނެވިދާނެއެވެ.

މީގެއިތުރުންވެސް ސިލޯނުގެ އޯޓިޒަމް ބަލީގެ މީހުންނަށް އެހީވުމަށް ޑެސްވަނީ 2006 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު ސިޑްނީގައި ކޮންސަރޓެއްވެސް ބާއްވާފައެވެ.

40 އަހަރު މިއުޒިކް އިންޑަސްޓްރީގައި ހޭދަކޮށްފައިވާ ޑެސްގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޗޫޑަ މަނިކޭ"، މަންމާ ނޯ" ރަޖަސަންގަބޯ އަކީ ފާހަގަކޮށްލެވޭ އަދި ދިވެހިންގެ ތެރޭގައިވެސް މަގްބޫލުވެގެން ގޮސްފައިވާ ލަވަތަކެވެ.

ބައިލާ ލަވައިގެ އިތުރުން ޕާޓީލަވަތައް ހުށަހެޅުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައިވެސް މަޝްހޫރު ޑެސްމަންޑް ޑިސިލްވާ ދެ ކައިވެންޏެއްކޮށްފައިވާއިރު އޭނަގެ ތިން ކުދިން ތިބެއެވެ. އެތަނުން ދޮށީ ފިރިހެން ދަރިފުޅު ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ. އޭގެ ފަހުން ޑެސްމަންޑްވަނީ ޑރ. ލީލާމަނީ އާއި ކައިވެނިކޮށް ދިރިއުޅުން ލަންޑަނަށް ބަދަލުކޮށްފައެވެ.

ބައިލާގެ ރަސްގެފާނު މަރުވީ އުމުރުން 77 އަހަރުގައެވެ.