ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވީޑްގެ ކޭސްތައް އިތުރުވެފައިވާތީ އެކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ދިވެހިންގެ ތެރޭގައި އޮމިކްރޮން އުޅޭކަން ކަށަވަރު ކުރެވިފައިވާކަމަށެވެ. މިގޮތުން މިހާތަނަށް އެ ވޭރިއަންޓް އުޅޭތޯ ބެލުމަށް ހެދި ޓެސްޓްތަކުން އޮމިކްރޯންގެ 7 ކޭސް އިއްޔެފެނިފައިވާކަމަށާއި އަދި ކުރީ ހަފްތާގައި 1 ކޭސް އޮމިކްރޮން ފެނިފައިވާކަމަށް ވިދާޅިވިއެވެ.

އެހެންކަމުން މިކަމުން އެނގެނީ ދިވެހިންގެ ތެރޭގައި އޮމިކްރޮން ހަލުވިކަމާއެކު ފެތުރޭކަންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މީގެ ކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޮން ކޭސްތައް ފެތުރޭ މިންވަރު ހަލުވިކަމަށާއި، އެގޮތުން ކޭސްތައް ވަރަށް އަވަހަށް ޑަބަލްވަމުން އަންނާނެކަމަށެވެ. މިގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަން އޮމިކްރޮން އުޅޭ ގައުމުތަކުން ފާހަގަވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޮމިކްރޮން އަށް މީހުން ޕޮޒިޓިވް ވަނީ ވަކިތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ވެސް އޮމިކްރޮން ފެނިފައިވާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުން އޮމިކްރޮން ވޭރިއަންޓް މިހާރު ފެނިފައިވާ ކަމަށާއި އޭގެތެރޭގައި ދިވެހިންވެސް ހިމެނޭ ކަމަށެވެ. މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ 8 ދިވެހިން ފާހަގަވެފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރި 19 ފަތުރުވެރިއްގެ ގައިންވެސް މި ވޭރިއަންޓު ވަނީ ފެނިފައެވެ.

ޕްރެސްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އޮމިކްރޮނަށް މި ހަފްތާގައި ހަތް ދިވެހިން ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ހަފްތާގައި ވެސް ދިވެއްސަކު އެ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އޮމިކްރޮންގެ ކޭސްތައް އެއް ދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެގުނަ ވެގެންދާ ކަމަށެވެ. ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް މައިގަނޑު ގޮތެއްގައި ފެތުރިގެން ދިޔައީ މާލޭގައި ކަމަށްވީ ނަމަވެސް ވެކްސިން ޖެހި މީހުންނަށް ބޮޑެތި ލުއިތަކެއްދީ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އޮމިކްރޮންގެ ކޭސްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެ ކަމުގައިވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް އެޅުމުގައި އިސްކަން ދެއްވަނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭނެގޮތަށް ބަލި ކޮންޓްރޯލްކުރުމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ދިރިއުޅުމަށް، އިގްތިސޯދީ ހަރަކާތްތަކަށް ދަތި ނުވާ ގޮތަށް އަދި ސްކޫލުތަކުގެ ކިޔެވުން ވެސް ކުރިއަށް ގެންދެވޭ ގޮތަށް އެކަންކަމަށް ބުރޫނާރާ ގޮތަށް ފިޔަވަޅުތައް އަޅާނަމަވެސް އަޅަން،"
ޑރ. ނަޒްލާ ރަފީޤް

ޕްރެސްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު ދިހަ ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވިދާޅުވީ މިހާރު ކޮވިޑް ޖެހޭ މީހުންގެ ކިބައިން އަލާމާތެއް ނުފެނު ނަމަވެސް 14 ދުވަހު ކަރަންޓީން ކުރާ ކަމަށެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ދިހަ ދުވަހަށް ކަރަންޓީން މުއްދަތު ކުރުކުރަން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ކުރާނީ ދިހަ ދުވަހަށް ކަމަށާއި ނުވަތަ ފަސް ދުވަސް ފަހުން ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖެނަމަ ވަގުތުން ދޫކޮށްލާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިބަދަލު ގެނައި ނަމަވެސް އަދިވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހު ކަރަންޓީން ކުރާނެ ކަމަށެވެ.

ކޮވިޑްގެ ގައިޑްލައިންތަކާއި އުސޫލުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތައް ގެންނާނެ ކަމަށާއި ބައެއް އުސޫލުތައް ހަފުތާއަކު އެއް ފަހަރުވެސް ބަދަލު ކުރަން ޖެހިދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒްކުރަން ފަށާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓުތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ.

އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގަވާފައެވެ.

މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީ ބާޒާރުފަދަ، އެއްވެގެން ބާއްވާ ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތައް، ކުޅިބަލަން މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް ވަނީ އަންގަވާފައެވެ.

އެޗްޕީއޭއިން ވަނީ މިފިޔަވަޅުތައް ފުރިހަމައަށް ތަންފީޒްކުރުމަށް އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގަވާފައެވެ. މި ނިންމުންތަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކާ، އަދި އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކަށް އަމަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލަށް ވެސް ވަނީ އަމަލުކުރަން ފަށާފައެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފަ އެވެ. އެގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.