މާޒީ އަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟ އޭރު ދިވެހިންނަކީ މުއްސަނދި ބަޔަކަށް ނުވިނަމަވެސް ފުދުންތެރި ބައެކެވެ. ބޯޓުދަރުކޮށްގެން ދިވެހިންގެ ގިނަ ބަޔަކު ދިޔައީ އާމްދަނީ ހޯދަމުންނެވެ. އޭރު މިކަމުން ބޮޑު ފައިދާއެއް ދިވެހިން ނެގިކަމަށްވިޔަސް މިހާރު ބޯޓުދަތުރުކުރާ ދިވެހިން މަދެވެ.

އެކަމަކު، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމުން ނޭނގި ނަމަވެސް ބޯޓުދަތުރުކުރުމުގެ ސިނާއަތާ މިވަނީ ދުރަށް ދެވިފައެވެ. ފަތުރުވެރިކަން އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ ގޮތުން ޝިޕިން އިންޑަސްޓްރީއަށް އައި ބަދަލުތަކަކީ މި އިންޑަސްޓްރީ ރާއްޖޭން ފަނޑުވުމުގެ އެއް އަސްލެވެ. އުފެދުނު ހަރުކަށި ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން ދިވެހި ބޯޓުފަހަރު ނެތިގެން ގޮސް މި ސިނާއަތް ރާއްޖޭން އުވިގެން ދިޔައީއޭ ބުނެވިދާނެއެވެ.

މިވަގުތު ބައިނަލްއަގްވާމީ ބޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެން ކެޕްޓަނުން، އޮފިސަރުން ނުވަތަ އިންޖިނިއަރުން ނެތެވެ. ނަމަވެސް އެމެރިކާ، ފިލިޕީންސް، އިންޑިއާ އަދި ހުޅަނގުގެ ގައުމުތަކުގެ އަންހެން ކެޕްޓަނުންނާއި އޮފިސަރުންނާއި އިންޖިނިއަރުން އެބަތިއްބެވެ. އެކަމަކު މިހާރުވެސް ދުނިޔޭގެ މަޝްހޫރު ޝިޕިންގ ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ދިވެހި ޒުވާން ފިރިހެން ކެޕްޓަނުންނާއި، އޮފިސަރުންނާއި، އިންޖިނިއަރުން އެބަތިއްބެވިއެވެ.

އަޅުގަނޑުމެންގެ ޒުވާން ކަނބަލުންނަށްވެސް ނެވިގޭޝަން، އިންޖިނިއަރިންގ އަދި ކޭޓަރިންގ ފަދަ ދާއިރާތަކުގައި މުދާ އުފުލާ ބޯޓުފަހަރާއި، ޕެސެންޖަރުން އުފުލާ ބޯޓުފަހަރާއި، ސުޕަރ ޔޮޓްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ބޭނުންވަނީ ހިތްވަރާއި ކެރުމެވެ.

ދެން އޮތީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާނަމަ ތައުލީމާއި ފަންނީ ތަޖުރިބާ ހޯދުމެވެ. މިފުރުސަތު މިހާރު މި އޮތީ ވަރަށް ފަހިވެފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަށުން ހިންގާ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް)އިން މި ދާއިރާގެ އެތައް ކޯހެއް އެބަ ކުރިއަށް ގެންދެއެވެ. ބައިވެރި ނުވާންވީ ކީއްވެ ހެއްޔެވެ؟ އެ ސެންޓަރުން މިހާރު ވަނީ ބޯޓުފަހަރުގެ ނެވިގޭޝަން އޮފިސަރުން ތަމްރީން ކުރުމަށް ސެމިސްޓާރ ކޯހެއް ވެސް އިޢުލާންކޮށްފައެވެ. އެ ގޮތުން މެެރިން އޮޕަރޭޝަންސްގެ ދާއިރާއިން ގައުމީ ސަނަދުގެ ލެވެލް 4ގެ ކޯހެއް ފެށުމުގެ ގޮތުން ވަނީ ބައިވެރިވުމަށް ހުޅުވާލެވިފައެވެ.

މި ކޯހަކީ ޢައިއެމްއޯގެ އެސްޓީސީޑަބްލިޔު ސިލަބަހަށް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އެމްކިޔުއޭ ގަބޫލުކުރާ ކޯހެކެވެ. މި ކޯހުގައި ނެވިގޭޝަން، އެލިކްޓްރިކް ނެވިގޭޝަން، ކާގޯ އޮޕަރެޝަންސް، ޝިޕް ސްޓޭބިލިޓީ، ޝިޕް ކޮންސްޓްރަކްޝަން ފަދަ މާއްދާތައް ކިޔަވައިދޭނެއެވެ. އަދި ތަމްރީންތަކަށް ސީއެމްއެސްގައި ގާއިމުކޮށްފައިވާ ޒަމާނީ ފުލް މިޝަން ޕޮސީޑަން ބްރިޖް ނެވިގޭޝަން ސިޓިމިއުޅޭޓަރ ބޭނުންކުރާނެއެވެ.

ސީއެމްއެސްގެ އަމާޒަކީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ކޯސްތަކުގެ ޒަރިއްޔާއިން ދިވެހި އިންޖިނިއަރުންނާއި މެރިން އިންޖިނިއަރުން ބިނާކުރުމެވެ. އަދި ބޯޓުފަހަރުގެ ކެޕްޓަނުންނާއި ޗީފް އިންޖިނިއަރުންނަށް ވެވޭ ފެންވަރަށް ރާއްޖޭން ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ޝިޕިން އިންޑަސްޓްރީއާ ގުޅުންހުރި އެހެން ދާއިރާތަކަށް (ޝިޕިން ބިޒްނަސް، ޝިޕިން ލޯ، ނެވެލް އާކިޓެކްޗަރ...) ވެސް ކޯސްތައް ފަރުމާކޮށް ހިންގުމެވެ.

ސީއެމްއެސްގައި އެސްޓީސީޑަބްލިޔު މިންގަނޑަށް 30 އަށް ވުރެ ގިނަ ކުރު ކޯސް ހިންގައެވެ. އަދި ބައެއް ސެމިސްޓަރ ކޯސްތައް ވެސް ހިންގައެވެ.

އަލަށް ފަރުމާކޮށްފައިވާ ކުރު ކޯސްތަކުގެ ތެރޭގައި އިލެކްޓްރޯނިކް ޗާޓް ޑިސްޕްލޭ އެންޑް އިންފޯމޭޝަން ސިސްޓަމް، ޝިޕްބޯޑް ޑްރާފްޓް ސާވޭއިން ކޯސް، ސެކިއުރިޓީ އަވެއާރނެސް ޓްރެއިނިންގ ފޯރ އޯލް ޕޯޓް ފެސިލިޓީ ޕާރސަނެލް، އަދި ސެކިއުރިޓީ އަވެއާރނެސް ޓްރެއިނިންގ ފޯރ ޕޯޓް ފެސިލިޓީ ޕާރސަނެލް ވިތު ޑެސިގނޭޓެޑް ޑިއުޓީޒް ކޯސް ހިމެނެއެވެ.