އުމުރުން 36 އަހަރުގައި ރާއްޖޭގެ މަޝްހޫރު ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔަރ ކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރ. އަލިފުށީގައި ކުރިއަށްދިޔަ އެލްދީ އާމިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އަދި ފޭސްބުކްގައިވެސް ފުޓުބޯޅައިން ރިޓަޔަރ ކުރިކަން ހޮކޭ ހާމަކޮށްފައިވާއިރު، ވީނިއުސް އަށްވެސް އޭނާ ވަނީ ރިޓަޔަރ ކުރިކަން ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކްގެ ގޮތުގައި ބެލެވޭ ހޮކޭ، ކުޅުން ހުއްޓާލިކަން އިއުލާންކޮށް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނީ މި ނިންމުން ނިންމީ ވަރަށް ވިސްނުމަށްފަހުގައި ކަމަށެވެ. އަދި ފުޓުބޯޅަ ކެރިޔަރުގައި ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުން އެއީ ބޮޑު އުފަލެއް ކަމަށާއި، ކެރިޔަރުގައި މިހާ ހިސާބަށް އައުމަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކެރިއަރު ފެށި ހޮކޭ ރާއްޖޭގެ ފުޓުބޯޅައިގައި ވިދާލީ 2010 ވަނަ އަހަރު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު ދުވަސްވަރެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. ގިނަ ކޯޗުންގެ ތައުރީފު ލިބުނު ހޮކޭ އަކީ ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިއެކެވެ.
ވިކްޓްރީއަށްފަހު ހޮކޭ ދެން ފެނިގެންދިޔައީ ކްލަބް ވެލެންސިއާއިންނެވެ. 2013 ވަނަ އަހަރު ވެލެންސިއާއަށް ބަދަލުވުމަށްފަހު ހަމަ އެ އަހަރު ހޮކޭ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ބަދަލުވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ހޮކޭ ކުޅެފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. ނިއުގެ ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ހޮކޭ ވަނީ ނިއު އާއިއެކު ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.
ނިއު ދޫކޮށް 2019 ވަނަ އަހަރު ދަ ގްރާންޑޭއަށް ހޮކޭ ކުޅުނުއިރު އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅުނީ ހޮކޭއެވެ. އެއަށްފަހު މިދިޔަ ސީޒަނުގައި ހޮކޭ ފެނިގެން ގޮސްފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. މި ސީޒަނުގައިވެސް ސަސް އާއިއެކު ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހޮކޭ ފެނިގެންދިޔައެވެ. އެކަމަކު މެޗު ނިމެން ކައިރިވެފައިވަނިކޮށް އަނިޔާވެ ހޮކޭ ވަނީ އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ގައުމީ ފުޓުބޯޅަ ޓީމަށް 30 އަށްވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ގައުމީ ޓީމަށް އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑެވެ.