ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ނޭޕާލުން ބޮޑެތި އެއްވުންތައް ބޭއްވުން މަނާކޮށް ސްކޫލްތައްވެސް ބަންދުކޮށްފިއެވެ.

ނޭޕާލުން އިއްޔެ އެކަނިވެސް 1،357 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުން އެއް ދުވަހެއްގައި އެންމެ ގިނަމީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް އެގައުމުން ބުނެއެވެ.

ކޮވިޑްބަލި ފެނުނުފަހުން ނޭޕާލުން މިހާތަނަށް 833،946 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 11،606 މީހުން ބަލީގައި މަރުވެފައި ވެއެވެ.

ނޭޕާލް ހޯމް މިނިސްޓްރީގެ ތަރުޖަމާނު ޕްރަދީޕް ކުމާރު ކޮއިރާލާ ވިދާޅުވީ، ސިޔާސީ އެއްވުންތަކާއި، ދީނީ ހަރަކާތްތައް ހިމެނޭގޮތުން، 25 މީހުންނަށްވުރެ ގިނަމީހުން ހިމެނޭ އެއްވުންތައް ބޭއްވުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، މި ޖެނުއަރީމަހުގެ 21 ވަނަ ދުވަހުން ފެށިގެން، ނޭޕާލްގެ ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ސިނަމާ، ސަރުކާރުގެ އޮފީސްތަކާއި އަދި ޕާކްތަކަށް ވަދެވޭނީވެސް ވެކްސިން ޖަހާފައިވާކަމުގެ ލިޔުން ދެއްކުމުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ނޭޕާލް ސަރުކާރުންވަނީ 3 ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފައެވެ.

ސްކޫލްތައް ބަންދުކުރި ނަމަވެސް، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖެހުމަށް މިހާރު ހިންގާ ޕްރޮގްރާމް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ނޭޕާލްގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ނޭޕާލްގައިވެސް އޮމިކްރޮން ވޭރިއެންޓް މިހާރުވަނީ ފެތުރެން ފަށާފައިވާއިރު، މިހާތަނަށް އޮމިކްރޮންގެ 27 ކޭސް ފެނިފައި ވެއެވެ.

ސްކޫލްތައް ބަންދުކުރުމުން ބަލި ފެތުރުމުގެ ޗޭނު ބުރިކޮށްލެވެނޭ ކަމަށް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން އުންމީދު ކުރެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭތީ، ފުރިހަމައަށް ތައްޔާރުވެ ތިބުމަށް ނޭޕާލް ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ހުރިހާ ހޮސްޕިޓަލްތަކަށް އަންގާފައެވެ.

ބަލިމީހުންނަށް ބޭނުންވާ އޮކްސިޖަން ޖަމާކޮށް، ސްޓާފުންވެސް ތައްޔާރީ ހާލަތުގައި ތިބުމަށްވަނީ އަންގާފައެވެ.

ނޭޕާލްގެ އާބާދީގައި 30 މިލިއަން މީހުން ހިމެނޭއިރު، ރައްޔިތުންނަށް ވެކްސިން ޖެހުމަށް ނޭޕާލް ސަރުކާރުން މީގެ އަހަރެއްކުރިން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އާބާދީގެ 37 އިންސައްތަ މީހުންނަށް ދެޑޯޒް ޖަހާފައި ވެއެވެ.