ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އާއްމުކޮށް ޖެހުމުގެ މަސައްކަތް މިމަހު ފަށަން ނިންމައިފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ އެންމެނަށް ބޫސްޓާ ޑޯޒް ޖަހަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ މިދިޔަމަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒްތައް ޖަހަން ފަށާށެވެ.
ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އޮތީ ނުފެށިފައެވެ.
ނަމަވެސް ވަރަށް އަވަހަށް އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހާމަކުރައްވާފައެވެ.
ޑރ. ޝާހު މިއަދު ވިދާޅުވީ ރައްޔިތު އެންމެނަށް ބޭނުންވާ ވަރަށް ބޫސްޓާ ޑޯޒް މިހާރު ހަމަޖެހިފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ބޫސްޓާ ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 140 މީހުންނެވެ. އަދި އަތޮޅުތަކުން 148 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.
މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27،762 އަށް އަރާފައެވެ.
އެޗްޕީއޭއިން ބޫސްޓަރ ޑޯޒު ޖަހައިދެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށާއި، 60 އަހަރުންމަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުނަށްވެސް ބޫސްޓާ ޑޯޒް ޖަހައިދޭން އެޗްޕީއޭއިން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމަށް ބޭނުންކުރާ ސިރިންޖް ލިބުނުހާ އަވަހަކަށް އާއްމުކޮށް ބޫސްޓަރ ޑޯޒް ޖަހައިދޭން ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ހަރަކާތްތެރިވެއެވެ.
މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.