މާލޭގައި ކޮންމެ ބްލޮކަކަށް ބްލޮކުވެރިޔަކު ހޮވުމަށް ސިޓީ ކައުންސިލުން ފެށި މަސައްކަތް ހުއްޓުވާފައި އޮތް ނަމަވެސް އެއީ ގާނޫނުގެ ރޫޙާ ވަރަށް ގުޅޭ ކަމެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ކޮންމެ ބްލޮކަކަށް ރައްޔިތުންގެ ފަރާތުން ބްލޮކުވެރިޔަކު ޢައްޔަންކުރުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. މޭޔަރު ވިދާޅުވިގޮތުގައި ބްލޮކުވެރިން ހޮވުމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމެވެ. އެހެންކަމުން ބްލޮކުވެރިން ހޮވުމަށް އެކަމާ ގުޅޭ ޚާއްސަ އުސޫލެއް އެކުލަވާލައި ބްލޮކުވެރިން ހޮވުމަށް ގިނަ މަސައްކަތްތަކެއް ކައުންސިލުން ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ނަމަވެސް ފާއިތުވެދިޔަ ހަތްމަސް ދުވަހު މިކަމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކާ ހަމައަށް ނުދެވި މަޑުޖެހިފައި ވަނީ ސަރުކާރުން އެކަން ހުއްޓުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ޖަވާބެއް ނޫން ކަމަށާއި މިއުޅެނީ ކައުންސިލަރުންގެ ޒިންމާތައް އެހެން ބަޔަކަށް ދޭން ނޫން ކަމަށެވެ.
ބްލޮކުވެރިންނަކީ ކައުންސިލަރުންނާ އެކީގައި ކަންކަމުގައި މަސައްކަތް ކުރުމަށް ކައުންސިލަރުންގެ ބެލުމުގެ ދަށުން ރައްޔިތުންގެ ތެރެއިން ނެގޭ އިތުރު ޓީމެއް ކަމަށެވެ. މޭޔަރު ވިދާޅުވީ ކައުންސިލަރުންގެ ޒިންމާތައް އެހެން ބަޔަކާ ހަވާލުކުރުމަށް އުޅެނީ ކަމަށް ބުނެ މިކަމަށް ހުއްދަ ނުދީ އުރުޒު ދެއްކި ނަމަވެސް ގާނޫނުގައި ކައުންސިލަރުންނަށް މަތިކޮށްފައި ހުންނަ ޒިންމާތަކަކީ އެހެން ބަޔަކާ ޙަވާލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ގާނޫނުގައި ބުނާ އަވަށު ބޯޑުތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަން ފާހަގަކުރައްވައި ވިދާޅުވީ ބްލޮކުވެރިން ހޮވުމަށްފަހު އަވަށު ބޯޑުތައް ހޮވުމުން ވަކި ތަރުތީބެއްގެ ތެރެއިން ރައްޔިތުން ތަމްސީލްވެގެންދާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ މިކަމަކީ ރައްޔިތުންގެ ތާއީދު އޮތް ކަމެއް ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު ކައުންސިލާ ހަމައަށް ވާސިލުވުމަށް ރައްޔިތުން އެދޭ ކަމަށެވެ.
އެގޮތަށް މިކަން ކުރެވިއްޖެނަމަ، ކޮންމެ ދާއިރާއެއް ތަމްސީލުކުރާ ކައުންސިލަރުގެ ޒިންމާ އަދާކުރުމަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެ، ރައްޔިތުން ބޭނުންވާ އަމާޒަށް އަވަހަށް ވާސިލުވެވޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި އަދިވެސް އުންމީދު ދޫކޮށް ނުލައްވާ ކަމަށާއި އުންމީދަކީ ކުރިއަށް ދެވޭނެ މަގުތަކެއް ފެނުން ކަމަށް ވެސް މާލޭ ސިޓީގެ މޭޔަރު ވިދާޅުވިއެވެ.