ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަފީރަށް މަރުހަބާ ދަންނަވައި، ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ.

އަދި، އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުން، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައި، ފާއިތުވި ތިން އަހަރު އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، އެ ގުޅުމުގެ ސަބަބުން ހާސިލްކުރެވުނު ކަންކަމާ މެދު ހިތްހަމަޖެހުން ފާޅުކުރައްވާފައިވެއެވެ.

ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އިންޑިއާގެ އެހީތެރިކަން މެދުނުކެނޑި ލިބޭކަން ފާހަގަކުރައްވައި، މިނިސްޓާރ ޝާހިދު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑީއާގެ ސަފީރު ވަނީ މި ސަރުކާރާ ގާތުން މަސައްކަތްކޮށް، އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.