ފޭކް ކޮވިޑް ވެކްސިން ސެޓްފިކެޓް ދޫކުރާކަމުގެ ތުހުމަތުގައި މެލޭޝިޔާ ފުލުހުން ޑޮކްޓަރަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައިވަނީ މެލޭޝިޔާގެ ޓެރެންގާނު ސްޓޭޓްގެ އަމިއްލަ ކްލިނިކެއްގައި މަސައްކަތްކުރާ ޑޮކްޓަރަކެވެ.

އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގޮސް ޑޮކްޓަރު ހައްޔަރު ކޮށްފައިވަނީ ކްލިނިކްގައި ހުއްޓައެވެ.

ޓެރެންގާނު ފުލުހުންގެ ވެރިޔާ ރޮހައިމީ މުހަންމަދު އީސާ ވިދާޅުވީ، އެ ކްލިނިކުން ގާތްގަނޑަކަށް 1،900 މީހަކަށް ވެކްސިން ޖަހައި، ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ވެކްސިން ނުޖަހާ ސެޓްފިކެޓް ލިބިފައިވަނީ ކިތައް މީހުންނަށްކަން ދެނެގަތުމަށް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ފޭކް ވެކްސިން ސެޓްފިކްޓެއް ހޯދުމަށް ކޮންމެ މީހަކު 400 އާއި 600 ރިންގިޓް ކްލިނިކަށް ދައްކާ ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވެކްސިން ޖެހުމަށް ދައްކަންޖެހެނީ 300 ރިންގިޓެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހައްޔަރުކުރި ޑޮކްޓަރު ފޭކް ވެކްސިން ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ކުރަމުންދިޔައީ އޭޖެންޓެއް މެދުވެރިކޮށެވެ. ދޫކުރާ ކޮންމެ ފޭކް ވެކްސިން ސެޓްފިކެޓަކަށް އޭޖެންޓަށް ކޮމިޝަންގެ ގޮތުގައި 50 ރިންގިޓް ދޭކަމަށްވެސް ވެއެވެ.

ވެކްސިން ޖެހިކަމުގެ ފޭކް ސްޓެފިކްޓް ޑޮކްޓަރު ގިނަ މީހުންނަށް ދޫކޮށްފައިވަނީ ކްލިނިކްގައި ވަކިންހުރެ އޮންލައިންކޮށް ކަމަށާއި، އެކަމުގައި ކްލިނިކްގެ އެހެން ސްޓާފުންގެ އެހީ ނުހޯދާ ކަމަށް ފުލުހުން ބުނެއެވެ.

ފޭކް ސްޓްފިކެޓް ދޫކުރުމަށް ޑޮކްޓަރު ބޭނުންކުރި ލެޕްޓޮޕް ފުލުހުން މިހާރުވަނީ ހޯދާފައެވެ. އޭގައިހުރި އީމެއިލްގެ މައުލޫމާތުތައް ބަލާނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި، ޓެރެންގާނޫ ސްޓޭޓުގެ ބޭރުންވެސް އެތައްބަޔަކު އެ ކްލިނިކަށް ގޮސް، ފޭކް ވެކްސިން ސެޓްފިކެޓް ހޯދާފައި ވެއެވެ.