ކޮވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ރާއްޖޭގައި މި ދުވަސްވަރު ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޮވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި މީގެ އިތުރުން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.