އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް (އޯއޭސީޕީ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން މިގޮތަށް ނިންމެވީ އޯއޭސީޕީގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސާލިހް މިގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖެ މި ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވުމުން ދިވެހިރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ދިވެހިރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުޞަތު ފުޅާވުމާއި، ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯއޭސީޕީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމްޢިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ޤައުމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ މި ވަގުތު މި ޖަމްޢިއްޔާގެ މެންބަރު ގައުމުތަކެވެ.