ރާއްޖެއިން 593 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ހޯމަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 5،818 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 593 ސާމްޕަލް ކަމަށެވެ.

ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 199 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 197 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 124 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.

އަލަށް ޕޮޒިޓިވްވި 593 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 99،099އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 98 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 94،404 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދަދުތަކާއިއެކު މާލޭ ސަރަހައްދުން މިހާރު ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 4،320 ގައެވެ. މީގެތެރެއިން 20 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އެޗްޕިއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާކަން ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.