އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު އަނެކާވެސް ގޮސްވެޖެއެވެ.
އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 159 އަކަށް އަރާފައިވާއިރު، ދުވާލެއްގެ މައްޗަށް 20 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހޭކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) އިން ވަނީ ބުނެފައެވެ.
އީއޯސީ އިން ބުނީ އަންގާރަ ދުވަހު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 29 ކޭސްގެ ތެރެއިން 17 ކޭސް ފެނިފައިވަނީ ހިތަދޫން ކަމަށްވާއިރު ހުޅުދޫ އިން ހަތަރު ކޭސް، މީދޫން ދެ ކޭސް، ފޭދޫން އެއް ކޭސް، މަރަދޫފޭދޫން ހަތަރު ކޭސް ފެނިފައިވާ ކަމަށެވެ.
އީއޯސީގެ ތަފާސް ހިސާބު ދައްކާގޮތުގައި އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި އުޅެނީ ވަނީ 94 ކޭސްއެވެ.
ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައިވެސް އައްޑޫގެ އަވަށްތަކުގައި 200 އިން މައްޗަށް މީހުން އުޅޭ ކަމަށާއި އަދި ކޮންމެ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް ނަގަންޖެހޭއިރު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ވަރަށް ބާރުބޮޑުކޮށް ކަމަށް އީއޯސީ އިން ބުނެއެވެ.
ރޭ އީއޯސީ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮންމެ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް ނަގަން ޖެހޭއިރު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ވަރަށް ބާރުބޮޑުކޮށް ކަމަށެވެ. އަދި އައްޑޫގައި މާބޮޑަށް ކޮވިޑް ފެތުރިގެން ގޮސްފިނަމަ ފަރުވާ ދިނުމާއި އަދި ހާލަތު ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މޮނިޓަރިން އުވާލީ ގާތްގަނޑަކަށް ދެ ހަފްތާ ކުރިންނެވެ.