އަންހެނުންގެ ގައުމީ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑް"އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަސް ކަމަށެވެ. އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެވޯޑަށް ކުރިމަތިލާން އަމިއްލަ ނަން ނުވަތަ އެހެން މީހަކު ނޮމިނޭޓް ކުރަން ބޭނުންވާނަމަ އެމީހެއްގެ ނަން ވެސް ހުށަހެޅޭނެއެވެ. އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ޖަމިއްޔާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އިއުލާނުގައި ބުނެފައިވަނީ މިއަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީންނާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުންވެސް ފޯމު ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، ޖެންޑާ މިނިސްޓްރީންނާއި އެމިނިސްޓްރީގެ އީމެއިލް ([email protected]) އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް، ޖެންޑާ މިނިސްޓްރީގެ ކައުންޓަރުން ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

މިދިޔަ އަހަރު 13 ފަރާތަކަށް ވަނީ ރެހެންދި އެވޯޑު ލިބިފައިވެއެވެ.