ޖުމްހޫރީ ޕާޓީ (ޖޭޕީ) ހީނަރުކުރަން މަސައްކަތް ކުރި މީހުނަށް އެކަން ކާމިޔާބު ނުވި ކަމަށް އެ ޕާޓީގެ އިސް ތަރުޖަމާނު އަދި ސްޓޭޓް މިނިސްޓަރ އަލީ ސާލިޙް ވިދާޅުވެއްޖެއެވެ.

އަލީ ސާލިހް މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި "ވީނިއުސް" އާ ވާހަކަދައްކަވަމުންނެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެމްޑީޕީގައި މިހާރު ތިބީ 50.505 މެމްބަރުންނެވެ. އަދި ޕީޕީއެމްގައި 35350 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 12.747 މެމްބަރުން އަދި އަދާލަތު ޕާޓީގައި 11،306 މެމްބަރުންނެވެ.

ނަމަވެސް، އީސީން ހާމަކުރާ ގޮތުގައި، މިދިޔަ އަހަރު ނިމުނު އިރު ޗެކް ނުކުރެވި 26853 ފޯމުހުރި އެބަ ހުއްޓެވެ. މި ފޯމުތަކުގެ ތެރޭގައި، އެމްޑީޕީގެ 12625 ފޯމު، ޖުމްހޫރީ ޕާޓީގެ 11.512 ފޯމު އަދި ޕީޕީއެމް 850 ފޯމާއި އެމްއެންޕީ 165 ފޯމު ހިމެނެއެވެ.

ޢަލީ ޞާލިހް ވިދާޅުވި ގޮތުގައި، އީސީން ހުރިހާ ފޯމެއް ޕްރޮސެެސްކޮށް ނިމޭއިރު ޖުމްހޫރީ ޕާޓީގެ ދަފުތަރުގައި ތިބި މެމްބަރުންގެ އަދަދު 24000 އަށް އެރުން ގާތެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި އީސީއަށް ހުށަނާޅާ ގިނަ އަދަދެއްގެ ފޯމު ހުރިކަން ވެސް ފާހަގަކުރައްވާފައެވެ.

ޖޭޕީގެ އިސް ތަރުޖަމާނު ވިދާޅުވީ، ޖޭޕީގެ މެމްބަރުންގެ އަދަދު މަތިވަމުންދަނީ، އަމާޒެއް އޮވެގެން އެ ޕާޓީގެ ލީޑަރގެ އިރުޝާދާ އެކު ކުރަމުންދާ މަސައްކަތުންނެވެ. މި ގޮތުން، ހާއްސަކޮށް ޕާޓީގެ ނައިބު ރައީސް އާއި ކަނބަލުންގެ އިސްނެގުމުގެ މަތިން ހިންގޭ ހަރަކާތްތައް ޢަލީ ފާހަގަކުރެއްވިއެވެ.

އަލީ ޞާލިޙް ވަނީ ބަޔަކު މީހުން ޖޭޕީ ނިކަމެތިކޮށްލަން މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބުވެފައި ނުވަނީ ޕާޓީގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

ފަނަރަހާސް މެމްބަރުން ތިއްބާ ޖޭޕީ ނިކަމެތިކޮށްލަން އެ ވެރިން ޕާޓީ ދޫކޮށް ދިޔައީ، އެކަމަކު ނަތީޖާއަކީ އޭގެ ދެގުނަ އިތުރުވެގެން ދާ މަންޒަރު ފެނުން، ޖޭޕީ ހީނަރުކޮށްލަން ބަޔަކު މީހުން އެއްވެގެން އުފެއްދި ޕާޓީއަށް އަދި އެ އުޅެނީ ދިހަހާސްވެސް ހަމަ ނުވެގެން، ކޭކުފަޅައި މާފަތިއެޅުވިޔަސް އެއީ ހަމަ ހުސް ޖަމަލު ފޮޑިކަން.
ޢަލީ ޞާލިޙް/ އިސްތަރުޖަމާނު، ޖޭޕީ

އަލީ ޞާލިޙް އެ އިޝާރާތްކުރެއްވީ އަމިއްލަފުޅަށް ސިޔާސީ މަސައްކަތް ފެއްޓެވުމަށް ކަމަށް ވިދާޅުވެ ޖޭޕީން ވަކިވެވަޑައިގަނެ، އަމިއްލަ ޕާޓީއެއް އުފެއްދެވި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުޔާ ރިޔާޒް އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށެވެ.

އެ ބޭފުޅުން އުފެއްދެވި ޕާޓީއަށް 10000 މެމްބަރުން ހަމަވިކަން އަމިއްލަފުޅަށް އިޢުލާންކުރެއްވި ނަމަވެސް އީސީގައި އޮތް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރުން އެނގޭ ގޮތުގައި އެ އަދަދު ހަމައެއް ނުވެއެވެ. އެހެންވެ، އެ ޕާޓީ ދައުލަތުގެ މިއަހަރުގެ ބަޖެޓުން ފައިސާއެއް ނުލިބޭނެއެވެ.

އަލީ ޞާލިޙް ވަނީ ޕާޓީއަށް މެމްބަރުން އިތުކުރުމުގައި އެ ޕާޓީގެ އެސްޖީ އަލީ އާރިފް އާއި ޕާޓީ އޮފީހުގެ ޓީމުން ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި ޕާޓީގެ ލީޑަރާއި އަމިއްލަ ނަމުގައި ޝުކުރު އަދާކުރައްވާފަައެވެ.