ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީއާއި ބީބީސީ ގްލޯބަލް ނިއުސްއިން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ. އަދި ބީބީސީގެ ގްލޯބަލްނިއުސްގެ ފަރާތުން ސޮއިކޮށްފައިވަނީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ރިޒް ކާލްޓަންއެވެ.
މިއެއްބަސްވުމުގެ ބޭނުމަކީ ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓް ކުރުމެވެ. އަދި މި މެސެޖް ރާއްޖޭގެފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކައިން ގެނެސްދިނުމެވެ.
މިކެމްޕެއިނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިންސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ.
އަދި މިފަދަ ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމުގައި ތޮއްޔިބު ވިދާޅުވިއެވެ.
ތޮއްޔިބް ވިދާޅުވީ ބީބީސީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްއެހީތެރިކަމެއް ލިބޭނެކަމަށެވެ.
އަދި މިކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މަތްތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީގެ އެކި ޕްލެޓްފޯމްތައް މެދުވެރުކޮށް ބައިނަލްއަގްވާމީ ފެންވަރުގައި ޕްރޮމޯޓު ކުރެވޭނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުވާން ބީބީސީ ގްލޯބަލް ނިއުސްގެ ކޮމާޝަލް ޑިވެލޮޕްމަންޓު އޭޕެކްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް، އެލިސްޓާ މެކްއިވާން ވިދާޅުވީ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ދަތުރުފަތުރުކުރުމަށް ރާވަމުންދާއިރު، ރައްކާތެރިކޮށް ފަތުރުވެރިކަން ކުރެވޭނެ ގޮތްތަކާއި، ފަތުރުވެރިކަމާބެހޭ އެކިމަންޒިލްތަކުގެ ސައްހަ މައުލޫމާތު އަދި މަންޒިލްތަކުން ލިބޭ ސަގާފީ އަދި ތަފާތު އެހެން ތަޖުރިބާތަކުގެ މައުލޫމާތު ބޭނުންވާ ކަމަށެވެ.
އަދި ރާއްޖޭގެ މިފަދަ ވާހަކަތައް ބައިނަލްއަގްވާމީ އޯޑިއަންސަށް ގެނެސްދިނުމަށް އެމްއެމްޕީއާރުސީއާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، ބީބީސީ ސްޓޯރީވޯކްސް އަކީ މިކަން ކުރުމުގެ އެތައް ގަރުނެއްގެ ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ.
މިއީ އެމްއެމްޕީއާރުސީއިން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މަގްސަދުގައި ހިންގާ މި ކެމްޕެއިން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. މިއަހަރުގެ މާޗު މަހުގެ ގެނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާ މި ކެމްޕެއިންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ތަންތަން އަދި ސަގާފަތް އެކި ބާވަތުގެކޮންޓެންޓު މެދުވެރިކޮށް ބީބީސީގެ ޑިޖިޓަލް އަދި ބްރޯޑްކާސްޓް ޕްލެޓްފޯމްތަކުގައި ގެނެސްދޭނެއެވެ.
މިގޮތުން ރާއްޖޭގެ ވީޑިއޯތަކާއި އާޓިކަލްތަކާއި އިޝްތިހާރުތައްއަދި ސޯޝަލް މީޑިއާ ޕޯސްޓްތައް މި ކެމްޕެއިންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުކުރެވޭނެއެވެ.