ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގަ 4 ހާސް ޓަނުގެ އިތުރު ކޯލްޑް ސްޓޯރޭޖު އަޅާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރަށް ކުރެއްވި ޒިޔާރަތަށް ފަހު މިނިސްޓަރ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ގާބިލްކަން އަމިއްލަ ލޮލުން ދެކެ ވަޒަން ކުރެވިއްޖެ ކަމަށެވެ.

އަދި އަހަރުގެ ފަހިމަސްވެރިކަމުގައި ދެކުނަށް ބާނާ މަސް ގަތުމަށްޓަކައި އެރަށުގެ ބަނދަރު ބޮޑުކޮށް 4 ހާސް ޓަނުގެ އިތުރު ކޯލްޑް ސްޓޯރޭޖު އެރަށުގައި އަޅާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވިއިރު ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ.

ރައީސް އޭރު ވިދާޅުވެފައިވަނީ ކޮވިޑްގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާ، އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، އިގްތިސާދު އިނދަނުޖެހި އޮތީ މަސްވެރިކަމުގެ ސަބަބުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި، 2020 ވަނަ އަހަރުވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީއަށް 8200 މެޓްރިކްޓަނު އިތުރުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މަސްވެރިން އުޅެމުންދާ ހާލާއި، މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްބުނެ މަސްވެރިންތަކެއް މިނިސްޓަރ ޑރ.ހުސެއިން ރަޝީދަށް ހޫނު ރައްދުތަކެއް ދާދި ފަހުން ވަނީ ދެއްވާފައެވެ.

އެގޮތުން މަސްވެރިންތިބި ދޯންޏެއް ކައިރިއަށް ޑރ.ހުސެއިން ވަޑައިގެންނެވުމުން މަސްވެރިން ވަނީ ވަޒީރަށް ވަރަށް ބޮޑަށް ނުރުހުންވެ، ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މަސްވެރިން ބުނަމުން ދިޔައީ މިވީ ތިން އަހަރު މަސްވެރިންނަށް ދިމާވި ދަތިތަކާއި، އުޅެމުންދިޔަ ހާލަތު ނޭގޭ ވަޒީރަކު މަސްވެރިންގެ ވާހަކަ އަޑުއަހަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.