ކޮވިޑަށް ޕޮޒިޓިވްވާ ހުރިހާ މީހުންނަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވެ އީމެއިލުން އެންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެދިއްޖެއެވެ.

އެ އޭޖެންސީން މިކަމަށް އެދި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުންދާތީ އާންމުކޮށް ކުރިއަށް ގެންދާ ގޮތަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އެ އޭޖެންސީއަށް އެކަން އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ އެދިފައެވެ.

އީމެއިލް ކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެންގުމަށް ލަސްވުމުގެ ފުރުސަތު އޮތުމުން ކޮވިޑު-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލެއް ނަގާފައިވާނަމަ 'ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުމަށާއި، ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަން އެނގުމުން [email protected] އަށް އެމީހާގެ ފުރިހަމަ މައުލޫމާތުގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ އެކަމުގެ ތަފްސީލާއިއެކު ޕޮޒިޓިވްވީ ތާރީހު އެނގޭގޮތަށް ފޮނުވަން ޖެހެއެވެ.

އަދި އަމިއްލައަށް އެ މައުލޫމާތު ފޮނުވުމަށް ދަތިވާ މީހުން (ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަަށް އެފަދަ ކަމެއް ނުކުރެވޭ މީހުން)ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ނުވަތަ އިތުރު އުނދަގުލެއް ވާނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމާއިއެކު ބައްޔާ ގުޅިގެން އިތުރު ކަމެއް ފާހަގަކުރަން ބޭނުންނަމަ އެޗްޕީއޭގެ ހިލޭ ގުޅޭ ނަންބަރު 1676 އަށް ގުޅާ އެކަމެއް ރިޕޯޓުކުރަމަށް އެދޭކަމަށްވެސް އެ އެޖޭންސިން ބުނެއެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޮންގެ ވޭރިއަންޓް ރާއްޖޭގައިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު ސިއްހީ ނިޒާމާއި ގުޅޭ ގިނަ ޝަކުވާތައް އާއްމު ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮވިޑަށް ސާމްޕަލް ނެގުމުގައި އަމަލުކުރަން ފަހުން ފެށި އުސޫވެސް ހިމެނެއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައިވާއިރު އެ އިދާރާގެ ހިލޭ ގުޅޭ ނަންބަރުން ފޯނަށް ޖަވާބު ނުދޭ މައްސަލައަކީ ވެސް އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.