އެމްއެމްޕީއާރުސީގެ ދައުވަތަކަށް ޖަޕާންގެ ޖާނަލިސްޓުންތަކެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މިމަހުގެ 11 އިން 17 ވަނަ ދުވަހާ ހަމައަށް ކުރާ މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަޕާންގެ އާންމުންގެ މެދުގައި މަގުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކުގެ ލިއުންތެރިން ހިމެނޭ ޓީމެކެވެ.

ޕުލްމަން މޯލްޑިވްސް މާމުޓާ އާއި މާކިއޯ މޯލްޑިވްސް ކޫއްޑޫގައި މި ޓީމުގެ ބައިވެރިން ތިބޭއިރު، މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރަކަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި އާޓިކަލްތައް ޖަޕާނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި, ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެއެވެ.

މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާވަނީ ވިޒިޓް މޯލްޑިވްސްއިން ޖަޕާނުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީއަކީ ރާއްޖޭގެ ބްރޭންޑުގެ މައުލޫމަތު ޖަޕާންގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓުތައް ޖަޕާން މާކެޓަށް އިޝްތިހާރުކުރުމަށް ބައްޓަންކޮށްފައިވާ ސްޓްރެޓަޖީއެކެވެ.

މި ދަތުރުގެ ސަބަބުން ޖަޕާން މާކެޓްގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމަތާއި، ޓްރެވަލް ގައިޑްލައިންސްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، މިތަންތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.

މިފަދަ ހަރަކާތްތަކުގެ ޒަރީޢާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

2019 ވަނަ އަހަރު ޖުމްލަ 44,251 ފަތުރުވެރިން ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ޖަޕާން މާކެޓަކީ 9 ވަނަ އަށް އެންމެ ގިނައިން2019 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. ކޮވިޑް-19 އާއި ގުޅިގެން ޖަޕާންގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާފައި ވީނަމަވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުފަތުރު ކުރުމުގައި ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އޮމިކްރޯންގެ ސަބަބުން ކުރިން ދެވުނު ލުއިތައްވެސް އަލުން ވަނީ އަނބުރާ އިއާދަކޮށްފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން ޖަޕާނުގައި ކޮވިޑް ކޭސްތައް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. އެގައުމުގައި ކޮންމެ ދުވަހަކު 150 ކޭސް ރިޕޯޓުކުރާއިރު، މިއީ ޖަޕާނުގެ ބޮޑު އާބާދީއާ ބަލާއިރު ވަރަށް މަދު އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމްއެމްޕީއާރުސީ އިން ދަނީ މި މާކެޓްގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި، މިއީ ޗުއްޓީ ހޭދަކުރަން ދަތުރުކުރުމަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަމުންނެވެ. މި މާކެޓްއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިޔާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، އަދި ސޯޝަލް މީޑިއާ ކެންޕޭންތައްހިމެނެއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރްސީ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލެއްވުމާ އެކު ކުރިޔަށް ގެންދެވުނު ހަރަކާތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވެގެން ދިއުމެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ‘ވޯލްޑް ޓްރެވަލް އެވޯރޑްސް’ (ޑަބްލިއުޓީއޭ) 2021ގައި ‘ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން’ ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮއްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގާ ވަރަށް ހާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ.

މީގެ ތެރޭގައި، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ހިމެނެއެވެ.