- އުމްރާގެ އަޅުކަމަށް އަންނަ މީހުން ލިމިޓްކުރުމުގެ ވިސްނުމެއްނެތް
ސައުދީ އަރަބިއްޔާއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 5،000 އަށްވުރެ ގިނަމީހުން އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށް ސައުދީ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.
މިއީ، ކޮވިޑްބަލި ފެނުނުފަހުން ސައުދީ އަރަބިއްޔާއިން މިހާތަނަށް އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ސައުދީ އަރަބިއްޔާއަކީ ގަލްފް ސަރަހައްދުން އެންމެ އާބާދީ ބޮޑު ގައުމެކެވެ. ސައުދީ އާބާދީގައި ގާތްގަނޑަކަށް 35 މިލިއަނެއްހާ މީހުން ހިމެނެއެވެ.
އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން މިދިޔައީ، އޮމިކްރޮންގެ ސަބަބުން ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ކޮވިޑް ކޭސްތައް އިތުރުވަމުންދާ ވަގުތެއްގައެވެ.
ސައުދީ އަރަބިއްޔާގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް މަތިވަމުންދާއިރު، އުމްރާގެ އަޅުކަމަށް އެގައުމަށް ޒިޔާރަތްކުރާ އެތައްބަޔަކު އަނބުރާ ގައުމަށްދާ ފަހުން ޕޮޒިޓިވްވަމުން ދެއެވެ.
ސައުދީ އަރަބިއްޔާގައި ބަލީގެ ހާލަތު ގޯސްވަމުންދާތީ، އުމްރާގެ އަޅުކަމަށް މީހުން ފޮނުވުން މެލޭޝިޔާއިން ހުއްޓާލާފައިވާއިރު، ކުރިއަށްއޮތް ރަމަޟާންމަހު އުމްރާގެ އަޅުކަމަށް އެތައްބަޔަކު ސައުދީއަށް ދާނޭ ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ.
ކުރިއަށްއޮތް ތިންމަސް ދުވަހުގެ ތެރޭގައި އުމްރާގެ އަޅުކަމަށް އަންނަ މީހުން އެތައްގުނަ އިތުރުވާނޭ ކަމަށް ލަފާކުރެވޭތީ ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިހާރުދަނީ އެކަމަށް ތައްޔާރުވަމުންނެވެ.
އޮމިކްރޮންގެ ސަބަބުން ކޮވިޑްޖެހޭ މީހުންގެ އަދަދުތައް ގައުމުތަކުގައި އިތުރުވަމުންދިޔަ ނަމަވެސް، އުމްރާގެ އަޅުކަމަށް އަންނަ މީހުންގެ އަދަދުތައް މަދުކުރުމުގެ ވިސްނުމެއް އޮތްކަމެއް ސައުދީން އަދި ހާމައެއް ނުކުރެއެވެ.
އޮމިކްރޮންގެ ޒަރީއާއިން ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ދުނިޔޭގެ ގައުމުތަކުން ގެންދަނީ ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން، ލޮކްޑައުން ކުރުމާއި، ކާފިއު ހިންގުމާއި، ހަފްތާ ބަންދަށް ކާފިއު ހިންގުމާއި، ބޮޑެތި އެއްވުންތައް ބޭއްވުން މަނާކުރުމާއި، ސްކޫލްތައް ބަންދުކުރުމާއި، ވެކްސިން ނުޖަހާ މީހުންނަށް ވައިގެ ދަތުރުފަތުރާއި، އާންމު ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުން ހުއްޓާލުމާއި، އެފަދަ މީހުން ރެސްޓޯރަންޓްތަކަށް ވަނުން މަނާކުރުމުގެ ފިޔަވަޅުތައްވެސް ގެންދަނީ އަޅަމުންނެވެ.