އަރަބިއްޔާ ސްކޫލު ހުރި އިމާރާތައް ދިމާވެފައިވާ މައްސަލައިގައި، ދާއިމީ ހައްލެއްގެ ގޮތުން މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި އެ ސްކޫލުގެ އައު އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމެވުމާ ގުޅިގެން އެކަމުގައި އެއަވަށު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ބާޖަމާލުއްދީން ހުރި ބިމުގައި ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާތީ، މަންޗަންގޮޅިއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ޟަމީރު ވަނީ އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް އެހެން ބިމެއް ހަމަޖެއްސުމަށް ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، ބާ ޖަމާލުއްދީން ހުރި ތަނުގައި އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ސަރުކާރުން ނިންމިއިރު، އެއީ މާލޭ ސިޓީ ކައުންސިލުގެ ބިމެއް ކަމަށާއި، ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ބޭނުން ކުރަންވާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތަތީ، މިކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހޭ ކަމަށެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ރައީސް ސާލިހް ނިންމެވީ، މާލޭ ސިޓީ ކައުންސިލުން އެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދި ފަހުން ކަމަށެވެ.

އެހެންކަމުން އެ ދާއިރާގެ ރައްޔިތުންގެ ހިޔާލު އަލުން ހޯދަންޖެހޭނެ ކަމަށާއި، އެ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭނަމަ ސިޓީ ކައުންސިލުން ރައީސްގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރުން ރަނގަޅު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިިވި ހުރިހާ ކައުންސިލަރުން ވެސް ވަނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބިމެއް ދޭންޖެހޭނެ ކަމަށާއި އެ ދަރިވަރުންނަށް ވެސް ދެރަގޮތްތަކެއް ވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ބާޖަމާލުއްދީން ބިން ފިޔަވައި އަރަބިއްޔާގެ ދަރިވަރުންނަށް ދެވެން ހުރި ބިންތައް ފާހަގަކޮށް އެ ބިންތަކުގެ މައުލޫމާތު ރައްޔިތުންގެ ބައްދަލުވުމަށް ހުށަހެޅުމަށާއި، މިމައްސަލަ އަވަހަށް ނިންމުމަށް ވެސް ކައުންސިލަރުން ވަނީ ބާރުއަޅުއްވާފައެވެ.

ރައްޔިތުންގެ ހިޔާލު ހޯދަން ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލުން ފާސްކޮށްފައިވާއިރު، އަންނަ ހަފުތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ރެއަށް އެ ބައްދަލުވުން އިންތިޒާމު ކޮށްދިނުމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.