ރާއްޖެއިން 536 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ބުދަ ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށް، ޓެސްޓު ކުރެވުނީ 5،513 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 536 ސާމްޕަލް ކަމަށެވެ.

ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 267 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 158 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 83 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.

އަލަށް ޕޮޒިޓިވްވި 536 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 99،635 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 298 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 94،702 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދަދުތަކާއިއެކު މާލޭ ސަރަހައްދުން މިހާރު ޕޮޒިޓިވިޓީ ރޭޓް 10 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 4،656 ގައެވެ. މީގެތެރެއިން 21 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، އެޗްޕިއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓު ފެތުރެމުންދާކަން ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.