ބޭރު ގައުމުތަކުން ތައިލެންޑަށް އަންނަ ކޮންމެ މީހެއްގެ އަތުން 300 ބާތު (9 އެމެރިކާ ޑޮލަރު) ނެގުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.

މިފައިސާ ނަގަން ފަށާނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކަމަށް ސަރުކާރުގެ ތަރުޖަމާނު ތަނަކޯރން ވަންގްބޯންކޮންގްޗަނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މިފައިސާ ނަގާނީ، ތައިލެންޑަށް ދަތުރުކުރުމަށް ނަގާ ޓިކެޓްގެ ފައިސާގައި ހިމަނައިގެން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ބޭރު ގައުމުތަކުން އަންނަ ދަތުރުވެރިންގެ އަތުން 9 އެމެރިކާ ޑޮލަރު ނެގުމަށް ތައިލެންޑް ސަރުކާރުން މި ނިންނީ، ކޮވިޑްގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ފަތުރުވެރިކަން އަލުން ނަގައި ކޮޅަށްޖެހުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން ތައިލެންޑުން މިހާރުވެސް ވަނީ ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.

މިފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރު ތައިލެންޑްގެ ފަތުރުވެރިކަމަށް ބޮޑެތި އެތައް ގެއްލުންތަކެއް ލިބިފައި ވެއެވެ.

ތައިލެންޑްގެ އިގްތިސާދުގައި ފަތުރުވެރިކަން ބޮޑު ހިއްސާއެއް އަދާކުރާއިރު، މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރި އަހަރަށެވެ.

ކޮވިޑް އައުމުގެ ކުރިން ތައިލެންޑަށް އަހަރެއްގެ މައްޗަށް 40 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ކޮވިޑްގެ ބަލިމަޑު ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް އެރި ބޮޑެތި ލޮޅުންތަކާއެކު ތައިލެންޑް ސަރުކާރުގެ އަމާޒު މިހާރު ހުރީ ފަތުރުވެރިކަމުގެ ސިޔާސަތުތައް އަލުން ބައްޓަންކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމްކުރުމަށެވެ.

ޓުއަރިޒަމް އޮތޯރިޓީ އޮފް ތައިލެންޑްގެ ގަވަރްނަރ ޔުތަސަކް ސުޕަސޯރން ވިދާޅުވީ، ބޭރު ގައުމުތަކުން އަންނަ ދަތުރުވެރިންގެ އަތުން ނަގާ ފައިސާ ހޭދަ ކުރެވޭނީ ފަތުރުވެރިންގެ އިންޝުއަރެންސްގެ ކަވަރޭޖަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ކަމަށެވެ.

ތައިލެންޑް ސަރުކާރުގެ މިނިސްޓްރީ އޮފް ޓުރިޒަމް އެންޑް ސްޕޯޓްސްގެ އަންދާޒާއަކީ، މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުން 39 ބިލިއަން ޑޮލަރާއި، 54 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. މީގެ ތެރެއިން 24 ބިލިއަނަކީ ބޭރުގެ ދަތުރުވެރިންގެ އަތުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއެވެ.

ހާލަތު މިހާރު އޮތްގޮތަށް އޮވެއްޖެނަމަ، މި ފެށުނު 2022 ވަނަ އަހަރު ތައިލެންޑަށް 5 މިލިއަން ފަތުރުވެރިން އެތެރެވާނެ ކަމަށް އެގައުމުން ލަފާކުރެއެވެ.

ޗައިނާ، އިންޑިއާ އަދި އަވަށްޓެރި އެހެން ގައުމުތަކުން އަންނަ މީހުން އިތުރުވެއްޖެނަމަ މިއަހަރުގެ ތެރޭގައި އަންނަ ފަތުރުވެރިންގެ އަދަދު 15 މިލިއަނަށް އިތުރުވާނެ ކަމަށްވެސް ސަރުކާރުން ލަފާކޮށްފައި ވެއެވެ.

ފަތުރުވެރިން ގެނައުމުގެ ބޭނުމުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ތައިލެންޑުން ލުއިތައް ދޭން ފަށާފައިވަނީ ނިމުނު 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

އެހެން ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮމިކްރޮން ވޭރިއެންޓް ފެތުރޭން ފެށުމާ ގުޅިގެން ތައިލެންޑުން މިހާރުވަނީ ލުއިތައް އުވާލައި ފިޔަވަޅުތައް އަލުން ހަރުކަށި ކޮށްފައެވެ. އެގޮތުން، ފަތުރުވެރިން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އޮތް "ޓެސްޓް އެންޑް ގޯ" ސްކީމްވެސް މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ.