މިމަހުގެ ތެރޭގައި އާބާދީ ބޮޑުބަޔަކަށް ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމްގައި މަސައްކަތްކުރާނެ މީހުން ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިޢުލާނެއްގައި ވަނީ ވެކްސިން ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތަށް ސަޕޯޓް ސްޓާފުންގެ ގޮތުގައި 4 ސްޓާފުންނާއި، ފްލޯ މެނޭޖްކުރާނެ މީހުންގެ ގޮތުގައި 6 މީހުންނާއި، 32 ޕްރޮގްރާމް އެސިސްޓެންޓުންނާއި، 10 ވެކްސިނޭޓަރުންނާއި 4 މެޑިކަލް އޮފިސަރުން ހޯދަމުން އަންނަކަން ހާމަކޮށްފައެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ. މިހުރިހާ ސްޓާފުންވެސް ނަގަނީ 3 މަހުގެ މުއްދަތަށެވެ.

ސަޕޯޓް ސްޓާފުންނަށާއި ޕްރޮގްރާމް އެސިސްޓެންޓުންނާއި ފްލޯ މެނޭޖަރުންނަށް މަހަކު 7،500 ރުފިޔާ ލިބޭއިރު، ވެކްސިނޭޓަރުންގެ މުސާރައަކީ މަހަކު 14،700 ރުފިޔާއެވެ. އަދި މެޑިކަލް އޮފިސަރުންގެ މުސާރައަކީ މަހަކު 24،240 ރުފިޔާއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 15 އިން ފެށިގެން ބޫސްޓަރ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން އަދި ހުޅުވާލަފައެއް ނުވެއެވެ.

އެހެންނަމަވެސް އެޗްޕީއޭއިން އަންނަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ސިއްހީ ޚިދުމަތްތެރިންނަށް ބޫސްޓަރ ޑޯޒް ދެމުންނެވެ. މީގެތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.

އެހެންނަމަވެސް، ވެކްސިން ޖަހަން ނުފެށި ލަސްވަނީ ބޭނުންވާ ސިރިންޖު ނުލިބޭތީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.