ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންގެ ކަރަންޓީން މުއްދަތު ހަތްދުވަހަށް ކުރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ޕޮޒިޓިވްވާ މީހުންނާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކުރާ އަދި ކަރަންޓީންކުރާ މުއްދަތައް ބަދަލުގެނެސް، އެޗްޕީއޭއިން މިއަދުކުރި އިއުލާނުގައި ބުނެފައިވަނީ، ޕޮޒިޓިވްވެގެން ކަރަންޓީން ކުރާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަނަމަ ހަތް ދުވަހުގެ ތެރޭގައި ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށެވެ.
އަދި، ޕޮޒިޓިވްވެ، އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ފަހުން ކަމަށްވެސް އިއުލާނުގައި ވެއެވެ.
ހަތް ދުވަހަށް ކަރަންޓީނުގެ މުއްދަތު ކުރުކުރުމަށް ނިންމި ނަމަވެސް، އެޗްޕީއޭއިން ބުނީ، ސިއްހީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން، ހަތްދުވަސް ފުރިހަމަ ކުރުމަށްފަހު މަސައްކަތަށް ނުކުންނަން ވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަމަށް އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
އެންޓިޖެން ޓެސްޓު ހަދަންޖެހޭނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތީން މިނިސްޓްރީން އެ ހުއްދަ ދީފައިވާ ތަނަކުންނެވެ.
މީގެއިތުރުން، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކު، ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވުމުން ކަރަންޓީންވާން ޖެހެނީ 10 ދުވަހަށެވެ. އަދި، 10 ދުވަސް ފުރިހަމަ ވުމުން ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާއި ނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.
އަދި ކޮންޓެކްޓް ވެގެން އެ މީހަކު ކަރަންޓީން ކުރާ ތާރީހުން ފެށިގެން ފަސްދުވަސް ފަހުން ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ނަމަވެސް ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށް އާ އުސޫލުގައި ބުނެފައިވެއެވެ.
މި ދެގޮތަށް އަމަލު ކުރެވޭނީ ޕޮޒިޓިވް ވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީން ވެފައިވާ ނަމައެވެ.
މިއާ ޚިލާފަށް ވެކްސިން ފުރިހަމަ ނުކުރާ މީހުން، މިހާރެކޭވެސް އެއްގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭނެ ކަމަށާއި، އެމީހުންގެ ކަރަންޓީން ނިމޭނީ 14 ދުވަސްވުމުން، ޓެސްޓުހަދައި ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.
އެޗްޕީއޭއިން ބުނީ މިހާރު ކަރަންޓީންގައި ތިބި މީހުންނަށް ވެސް އަލަށް ގެނައި މި ބަދަލަށް އަމަލުކުރެވޭނެ ކަމަށެވެ.