ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި، މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުންވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ.

އެކަމަށް ދައުލަތުން ދެކޮޅުހަދާފައި ނުވިނަމަވެސް، އެމައްސަލައިގައި ދެން ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ ޝަރީއަތް ލައިވްކުރަން ދެކޮޅު ހަދާފައެވެ.

ޝަރީއަތުގައި އޭނާގެ ބައި ލައިވްކޮށް ނުދިނުމަށް ޔޫސުފް ނައީމްގެ ފަރާތުން ކޯޓުގައި އެދުމުން ދައުލަތުން ވަނީ ދައުވާ ވަކިނުކުރެވޭނެ ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގައިވެސް މިހާރު ސިއްރު އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ލައިވް ކުރާކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދުމަކީ ޝަރީއަތް ލައިވް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 27 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މައްސަލައިގައި މިހާތަނަށް ނުލިބިވާ ލިޔުންތައް ދައުވާ ލިބޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓަށް އެންގެވުން އެދޭ ކަމަށް މައްސަލަ ބައްލަވާ ގާޟީ ވަނީ ވިދާޅުވިއެވެ.

އަދި، ޝަރީއަތް ލައިވްކުރާނަމަ އެދުވަހުގެ ކުރިން އެކަން އަންގާނެ ކަމަށާއި، އެދުވަހު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތު ނުވާކަމަށް ނިންމައި ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކޮށްފައިވާއިރު، އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދައުވާ އުފުލާފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުަށް ހުރަސްއެޅުމުގެ ގޮތުންނެވެ.