ޑެލްޓާ ވޭރިއެންޓަށްވުރެ އޮމިކްރޮންގެ ނުރައްކާ ކުޑަ ނަމަވެސް، ކޮވިޑް ވެކްސިން ނުޖަހައި ތިބި މީހުންނަށް އޮމިކްރޮންގެ ނުރައްކާ ކުޑަ ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

ނިއުސް ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން އަދި އުޅެނީ އާބާދީގެ 40 އިންސައްތައަށް ވެކްސިން ޖެހުމުގެ އަމާޒަށް ވާސިލްވުމުގެ މަގުމަތީގައި ކަމަށެވެ.

އެފްރިކާ ބައްރުގެ އާބާދީގެ 85 އިންސައްތަ އަދިއުޅެނީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިގެން ކަމަށެވެ.

އެހެންކަމުން، ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިން ނުޖެހިތިބި ވަގުތެއްގައި އޮމިކްރޮން ވޭރިއެންޓް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑްބަލީގެ ހާލަތާގުޅޭ ހަފްތާ ރިޕޯޓްގައި ޑަބްލިޔުއެޗްއޯއިން އަންގާރަ ދުވަހު ބުނެފައިވަނީ، ވޭތުވެދިޔަ ހަފްތާތެރޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 55 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. މިއީ، ޖެނުއަރީމަހުގެ 9 އިން ފެށިގެން އެ ހަފްތާ ތެރޭގައި 15 މިލިއަން މީހުންނަށް ބަލިޖެހުމެވެ.

ގިނަމީހުންނަށް ބަލިޖެހިފައިވަނީ އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ކަމަށާއި، ގާތްގަނޑަކަށް ހުރިހާ ގައުމެއްގައިވެސް ޑެލްޓާ ފަހަނައަޅައި އެންމެ ގިނަ މީހުންނަށް ބަލިޖައްސާ ވޭރިއެންޓަކަށް އޮމިކްރޮން ވަމުންދާކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑްބަލިޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާމީހުންކަން ފާހަގަކުރައްވައި ޑރ. ޓެޑްރޯސް ވަނީ، ބަލިފެތުރުން ނުހުއްޓުވި މިގޮތަށް ކުރިއަށްދާނަމަ އައު ވޭރިއެންޓުތައް ވުޖޫދުވުމުގެ ރިސްކު ބޮޑު ކަމަށާއި، ދެން ފެންނަ ވޭރިއެންޓް އޮމިކްރޮންއަށް ވުރެންވެސް ހަލުވިކޮށް ބަލިފަތުރައި، އޭގެ ނުރައްކާވެސް ބޮޑުވެދާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.