އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފާޅުކަންބޮޑުގޮތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހިމެނިވަޑައިގަންނަވާހެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއެކު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގެންނެވި ފޮޓޯއެއް ހިއްސާކުރައްވައި، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ދާޚިލީ އިންތިޚާބުތަކުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށާއި، ކޮންމެސް އެއް ކަމެއް ދޫކޮށްލަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނަށް ރާއްޖޭގެ ދާޙިލީ ކަންކަމާ ބެހެވޭ ކަމަށާއި ކެމްޕެއިންވެސް ކުރެއްވޭ ކަމަށާއި، ނަމަވެސް ޑރ. ޝަހީމް އޯއައިސީގެ މަގާމެއްގައި އެމަނިކުފާނު ހުންނަވައި، ރާއްޖޭގެ ދާޙިލީ ކަންކަމާބެހޭ ކަމަށްބުން އެމްޑީޕީގެ އިސްވެރިން ފާޑުވިދާޅުވި ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި، އޯއައިސީތެރޭގައި އެމަނިކުފާނުގެ ޝަކުވާކޮށް މުސްތަގުބަލް ހަލާކުކޮށްލި ކަމަށްވެސް ޑރ. ޝަހީމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ އެކމުގެ ފަހަތުގައި ތިބީ ކޮންބައެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިންސާފާ ހަމަހަމަކަން ހުރި މިންވަރަކީ މިއީކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ހިތްހަމަނުޖެހުންވެސް ފާޅުކުރައްވާފައެވެ.

އަބްދުﷲ ޝާހިދު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ކަމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ.

އެއީ ގާނޫނާ ޚިލާފުކަމެއް ކަމަށްބުނެ އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާހަގަކޮށްލެވެއެވެ.

އަދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އަބްދުﷲ ޝާހިދު ގިނަދުވަސްތަކެއް ވަންދެން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނު ރާއްޖެވަޑައިގެންނެވީ މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައެވެ.