ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ހުޅުމާލެ ހޮސްޕިޓަލް އަދި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކޮވިޑް-19 ސާމްޕަލް ސެންޓަރެއް ގާއިމްކޮށްފިއެވެ.

މި ސެންޓަރު ގާއިމުކޮށްފައި މިވަނީ ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް 10 ޕަސެންޓުން މަތީގައި ހުރި ދަނޑިވަޅެއްގައެވެ.

މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ސޯޝަލް ސެންޓަރުގައި ގާއިމް ކޮށްފައިވާ ސާމްޕަލް ނަގާ ސެންޓަރު ބަންދުކޮށް ތާޖުއްދީން ސްކޫލުގައި ކޮވިޑަށް ޓެސްޓް ކުރުމަށް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.

މީގެއިތުރުން އެފްއޭއެމްގެ ކުރީގެ އިމާރާތުގައި ކޮވިޑް ސާމްޕަލް ނެގުމަށްވެސް ވަނީ ސެންޓަރެއް ގާއިމުކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު 5،513 ސާމްޕަލް ޓެސްޓްކޮށްފައިވެއެވެ. އޭގެތެރެއިން 267 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 158 މީހުންނެވެ. އަދި ރިސޯޓްތަކުން 83 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 28 މީހަކު ޕޮޒިޓިވްވެފައިވަނީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަލަށް ޕޮޒިޓިވްވި 536 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 99،635 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން 298 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖޭން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 94،702 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 4،656 ގައެވެ. މީގެތެރެއިން 21 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 264 މީހުން މަރުވެފައިވެއެވެ.