ށ.ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް އެއްވެސްކަމެއް ކޮށްނުދީ ކެމްޕޭނުގެ ވާހަކަ އިދިކޮޅު ކޯލިޝަނުން ދައްކަމުން އަންނާތީ ލަދުގަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ވެރިކަންކުރާ އެމްޑީޕީން ކުރަމުންދާ ކެމްޕެއިން ދަތުރުގެ ތެރެއިން، ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ޕީޕީއެމުން ވެރިކަން ކުރިއިރު ކޮމަންޑޫ ދާއިރާއަށް ކޮށްދިން ކަމެއް ނެތްކަމަށާއި 2013 ވަނަ އަހަރު ކޮމަންޑޫ ކުރެއްވި ދަތުރުގައި އޭރު ކޮމަންޑޫގެ ބަނދަރު އޮތް ހާލަތު އަދިވެސް ހަނދާނުގައި އެބަހުރި ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ބަނދަރެއް ހަދައިދޭން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަށާއި ނަމަވެސް އެކަންވެސް ޕީޕީއެމްގެ ސަރުކާރުގައި ކޮށްދީފައި ނުވާ ކަމަށާއި ދެން އެދެނު ކަންތައްތައްވެސް ކޮށްދެވިފައި ނުވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓަކީ ކުރީ ސަރުކާރުގެ މަތީ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށްވާއިރު ދާއިރާއަށް ކަމެއްކޮށް ނުދީ ކެމްޕޭނުގެ ވާހަކަ ދައްކަވާތީ ލަދުގަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ