އަވަށްޓެރި ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތާވަލުކޮށްފިއެވެ.
މި މެޗުތަކަކީ ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް، ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އާއިއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކުޅެން ހަމަޖެހުނު މެޗުތަކެކެވެ.
އެގޮތުން ރާއްޖެއިން ބަންގްލަދޭޝް ގައުމީ ޓީމާއި ދެކޮޅަށް ތިން މެޗެއް ކުޅުމަށް ތާވަލުކޮށްފައިވެއެވެ. އަދި މި މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 6 އާއި 12 ވަނަ ދުވަހާއި ދެމެދުގައެވެ. މި މެޗުތައް ކުޅޭނީ ރާއްޖޭގައެވެ.
ބައިނަލްއަގްވާމީ މެޗުތަކެއް ރާއްޖޭގެ ގައުމީ ޓީމުތަކަށް ހޯދައިދިނުމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން އަންނައިރު، ދާދިފަހުން ރާއްޖެއިން ވަނީ ލަންކާގެ ގައުމީ ޓީމާއި ދެކޮޅަށް ތިން މެޗު އަދި އިންޑިއާގެ ހައިދަރްއާބާދު ސްޕައިކާސް އާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ.
މި މެޗުތަކުގެ ތެރެއިން ލަންކާ ޓީމާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވެފައިވާއިރު އިންޑިއާގެ ހައިދަރްއާބާދު ސްޕައިކާސް އާއި ދެކޮޅަށްކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.
މިމެޗުތަކަށްފަހު ރާއްޖެ ޓީމުން ދެން ކުޅެފައިވަނީ ހުސްވި ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައެވެ.
ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިޔަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފައެވެ. ބަންގްލަދޭޝްއާ ބައްދަލުކުރި މެޗުން އަންހެން ވޮލީޓީމު ބަލިވީ 3-2 ސެޓުންނެވެ. އަދި ފިރިހެން ވޮލީ ޓީމުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
މިއަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް ޗެލެންޖް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތްވެސް ހޯސްޓު ކުރުން ރާއްޖެއިން ކާމިޔާބު ކޮށްފައިވާއިރު މީގެކުރިން 2017 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިރިހެން މުބާރާތްވެސް ހޯސްޓުކޮށްފައެވެ. ރާއްޖެއަށް 2020 ވަނަ އަހަރުވެސް މި މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މުބާރާތް ބޭއްވޭ ގޮތެއްނުވިއެވެ.
ބައިނަލްއަގްވާމީ މުބާރާތަކަށް ރާއްޖެއިން ބޮޑު އުންމީދެއް ގެންގުޅޭއިރު ސަރަހައްދީ ގަދަ ބާރުތަކުގެ ގޮތުގައި ބެލެވޭ ޓީމުތަކާއެކު މެޗުތައް ކުޅުމަކީ ރާއްޖެ ޓީމަށް މުބާރާތަށް ތައްޔާރުވުމަށް ލިބޭ ބޮޑު ކުރިއެރުމަކަށްވާނެއެވެ.