ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ ފްލައިންގ ސްކޫލް, "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ" ގެ ފުރަތަމަ ކޯހުގެ ލޯނަށް ހުޅުވާލައިފިއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިދިޔަ ހޯމަދުވަހު ފަށާފައިވާ އިރު ފުރަތަމަ ބެޗްގައި 35 ދަރިވަރުން ހިމެނޭކަމަށް އޭވިއޭޝަން އެކަޑަމީން ބުނެއެވެ.

ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ.

އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެއް ކަމަށް އެކަޑަމީން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1،500 ޑޮލަރު، ލޯންގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ނިންމާފައެވެ. އަދި ފްލައިންގ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯން ހަމަޖައްސައި ދެއްވަންވެސް ވަނީ ނިންމާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރިފްރެޝަރ ކޯހުގެ ލޯނަށް ހުޅުވާލާފައެވެ. މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހަޔަރ އެޑިޔުކޭޝަނުން ބުނެފައިވެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ލޯނަށް ކުރިމަތިލެވޭނީ ކުރިން އައްޑޫގައި ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ޕައިލެޓް ލައިސަންސް ފުރިހަމަ ކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން ކޯހުގެ ބާކީބައި ފުރިހަމަ ކުރަން ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމްގައި ރެޖިސްޓަރވެފައިވާ ފަރާތްތަކަށް ކަމަށެވެ. މިޕްރޮގްރާމްގެ ފީއަކީ 1،500 ޑޮލަރެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަންއާއި އެމްއެންޔޫ ގުޅިގެން ހިންގާ ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، ސްކޫލެކެވެ.

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.