މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.
މިނިސްޓަރު މަހުލޫފަށް ދަޢުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު، 27 އޮގަސްޓް 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން ތެއްތިރީސްހާސް އެމެރިކާ ޑޮލަރު، 1 ސެޕްޓެމްބަރ 2014 ވަނަ ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިމައްސަލައިގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ.
މިދައުވާތަކާ ގުޅިގެން މިނިސްޓަރ ވިދާޅުވެފައިވަނީ، މީހުންގެ ތެރޭގައި ސިޔާސީ ވާދަވެރިކަން އަބަދުވެސް އޮންނާނެ ކަމަށާއި، ކަންކުރާ މީހުން އެއްބަޔަކަށް ކަމުނުދިޔުމަކީ ވެދާނެ ކަމެއް ކަމަށެވެ.
މިނިސްޓަރ މަހްލޫފަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މިދައުވާތައް ސާބިތުވެއްޖެނަމަ ގިނަވެގެން ހަތްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.