ކެމްބޯޑިއާގައި "ބަތަލެއްގެ" ދަރަޖަ ދެވުނު މީދާ މަރުވެއްޖެއެވެ.
"މަގަވާ" ގެ ނަމުން ނަން ދެވިފައިވާ މިމީދާ މަރުވިއިރު އުމުރަކީ 8 އަހަރެވެ.
މަގަވާ މަޝްހޫރު ވެގެންދިޔައީ ކެމްބޯޑިއާގެ ބިމުން ލޭންޑްމައިނާއި، އެނޫންވެސް ގޮވާތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތުގައި އޭތި އަދާކޮށްފައިވާ މުހިންމު ދައުރުގެ ސަބަބުންނެވެ.
މިދިޔަ ހަފްތާ ބަންދުގައި މަރުވި މަގަވާ މީދާލަކީ ވަސް ބެލުމަށްފަހު ލޭންޑްމައިނާއި ގޮވާތަކެތި ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މީދަލެކެވެ. އެގޮތުން، އެ މީދާވަނީ 100 އަށްވުރެ ގިނަ ލޭންޑްމައިން ވަޅުލާފައިވާތަން ހޯދައިދިނުމުގައި އެހީތެރިވެފައެވެ.
އޭގެ ސަބަބުން އެތައްބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަގުފަހި ވެގެންދިޔައެވެ.
ލޭންޑްމައިން ސާފުކުރުމުގެ މަސައްކަތުގައި މަގަވާ ބޭނުން ކުރަމުންދިޔައީ، ކެމްބޯޑިއާގެ ބިމުގައި ވަޅުލާފައިވާ ލޭންޑްމައިންތައް ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އެޕޯޕޯ ނަމަކަށްކިޔާ ޖަމާއަތަކުންނެވެ.
ލޭންޑްމައިނާއި ގޮވާތަކެތި ހޯދައި ނަގައި ސާފުކުރުމުގެ މަސައްކަތުގައި އެ ޖަމާއަތުން ގެންދަނީ މަގަވާފަދަ އެފްރިކާގެ ބޮޑެތި މީދާތައް ބޭނުން ކުރަމުންނެވެ.
އެ ހުރިހާ މީދަލެއްގެ ތެރެއިންވެސް މިހާތަނަށް އެންމެ ކާމިޔާބު މީދަލަކީ މަގަވާކަމަށް ވެއެވެ. އެއީ، މަސައްކަތަށް ކުޅަދާނަކަމުންނެވެ.
އެޕޯޕޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ހަފްތާ ތެރޭގައިވެސް މަގަވާ އުޅުނީ ފުރިހަމަ ސިއްހަތެއްގައި ކަމަށާއި، ވަރަށް ޖޯޝްގައި ހަރަކާތްތެރިކޮށް ކަމަށެވެ.
ނަމަވެސް ހަފްތާ ބަންދާ ގާތްވިއިރު މަގަވާގެ ހަރަކާތްތައް ވަރަށް ލަސްވެ، ގިނައިރު ނިދުމާއި، ކެއުމަށް ޝައުގުވެރިކަން ނެތުން ފާހަގަ ކުރެވުނު ކަމަށް ބުނެފައި ވެއެވެ.
މިދިޔަ 2021 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މަގަވާ އުޅުނީ މަސައްކަތުން ރިޓަޔަރކޮށްފައެވެ.
ކެމްބޯޑިއާއަކީ، މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ލޭންޑްމައިން ވަޅުލާފައިވާ ގައުމެކެވެ. މިއީ، އެގައުމުގައި ހިނގައިދިޔަ ދިގުލީ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ކޮށްފައިވާ ކަމެކެވެ.
ލޭންޑްމައިނާއި ގޮވާތަކެތި ނަގައި ކެމްބޯޑިއާގެ ބިންތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް އެއްހާސް އަކަ ކިލޯމީޓަރުގެ ބިމުގެ ސަރަހައްދެއް ސާފު ނުކުރެވި އެބައޮތް ކަމަށް ވެއެވެ.
ލޭންޑްމައިންތައް ގޮވައިގެން ހިނގާފައިވާ ތަފާތު ހާދިސާތަކުގެ ސަބަބުން ކެމްބޯޑިއާ ވެފައިވަނީ، އާބާދީގެ ނިސްބަތުން އަތް-ފައި ނެތް މީހުން އެންމެ ގިނަ ގައުމަށެވެ.
މަގަވާގެ ޚާއްސަ މަސައްކަތް ފާހަގަކޮށް އިނގިރޭސިވިލާތުގެ ޕީޕަލްސް ޑިސްޕެންސަރީ ފޮރ ސިކް އެނިމަލްސްއިން 2020 ވަނަ އަހަރު ރަން މެޑަލްއެއްވެސް ދީފައި ވެއެވެ.
މަގަވާ އުފަންވެފައިވަނީ ޓެންޒޭނިއާގައެވެ. އެމީދާ ކެމްބޯޑިއާއަށް ގެނެވި، ލޭންޑްމައިންތައް ސާފުކުރުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށީ 2016 ވަނަ އަހަރުއެވެ.